ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް މިމަހު ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގދ. ތިނަދޫ ޑރ ޢަބްދުއްޞަމަދު މެމޯރިއަޕް ހޮސްޕިޓަލުގައި މިމަހު، އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.
އެ ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި، އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕަކީ، މިނިސްޓްރީ އޮފް ހެލްތާއި، މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ޑރ ޢަބްދުއްޞަމަދު މެމޯރިއަޕް ހޮސްޕިޓަލާއި ގުޅިގެން މިމަހުގެ 11 އިން 13އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. މިކޭމްޕްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަރސްޕެޝަލިސްޓުން ބަލިމީހުން ބަލައި، ޚިދުމަތްތައް ދޭނެއެވެ. މި ކޭމްޕްގައި ޖުމުލަ 10 ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް އައިޖީއެމްއެޗް އިން ހާމަކުރައްވާފައި ވެއެވެ.
މިގޮތުން މިކޭމްޕްގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާ ދިނުމާއި، ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި އާއްމުކޮށް ކަފާލައިގެން ކުރަން ޖެހޭ އޮޕަރޭޝަންތައްވެސް ކުރާނެއެވެ. އަދި ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުތަކަށް ޚާއްޞަ ފަރުވާދިނުމާއި ގިނަ ދުވަސްވެފައިވާ އަދި ފަސޭހަ ނުވާތަދުތަކަށް ޚާއްޞަ ފަރުވާ ދިނުން ވެސް މިކޭމްޕްގައި ކުރިޔަށްދާނެއެވެ. މީގެ އިތުރުން ޑރ ޢަބްދުއްޞަމަދު މެމޯރިއަޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފަންނީ މައުލޫމާތާއި ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ހޮސްޕިޓަލްގެ ޚިދުމަތްތައް ވަޒަންކޮށް، އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރު ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

މިކޭމްޕްގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންނަކީ؛
1- ޑރ. ޢަބްދުﷲ ޢުބައިދު - އާއްމު އަދި ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
2- ޑރ. ޢާއިޝަތު އަޒްނާ ޢަލީ - ގޮހޮރުގެ އަދި ބޭރިއޭޓްރިކް އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރު
3- ޑރ. މުޙައްމަދު ޝަރީފް ޢަބްދުލްމަޖީދު - އާއްމު އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
4- ޑރ. މުޙައްމަދު ޝިފާން - ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
5- ޑރ. މުޙައްމަދު ވަހީދު - ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވުންޑްކެއާގެ ޚާއްޞަ ޑޮކްޓަރު
6- ޑރ. ޢަލީ އާފީ - ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު
7- ޑރ. އާމިނަތު ނުސްރާ - އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ ޑޮކްޓަރު
8- ޑރ. އަސަދު ޝަހީދު - ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރު
9- ޑރ. ޖުމައިލަތު ބޭގަމް - އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ ޑޮކްޓަރު
10- ޑރ. އިބްރާހީމް މިސްބާޙް - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު
އައިޖީއެމްއެޗްއިން ހާމަކުރައްވާފައިވާ ގޮތުގައި، މިކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންނަށް ދެއްކެވުމަށް 1555އަށް ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހެދުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް