Post banner

ފެހިޤާނޫނު އަސާސީއަށް 18 އަހަރު.

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެހިޤާނޫނު އަސާސީއަށް 18 އަހަރު.

ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓް --

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމު ލިޔުއްވާފައިވާ ލިޔުމެކެވެ. މިލިޔުން ރައްޔިތުންގެ ނޫހަށް ނަކަލުކޮށްފައި މިވަނީ، އެއްވެސް އުނިއިތުރެއް ނުގެނެސް ފައިސަލް ނަސީމް ޝާޢިޢުކުރައްވާފައިވާ ގޮތަށެވެ.

ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފައި އެވެ. ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އަތުވެއްޖެ އެވެ. ނަމަވެސް، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެވެ.

2004 އިން 2008 ވަނަ އަހަރާ ދެމެދު، ޤާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނެވެ. ނަމަވެސް، އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާ ދޭތެރޭގައި ވިސްނާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ.

އަޅުގަނޑު ޤަބޫލު ކުރަނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން:

1. ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅިއަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުން.

2. ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން.

3. މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން.

4. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން.

5. ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން.

6. ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުން.

7. ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.

8. ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން. އެގޮތުން:

(ހ) ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުން.

(ށ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަނސްކީމްތައް ތައާރަފު ކުރުން. ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރު ދީ، މަގު ހުޅުވައި ދިނުން.

(ނ) ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް އިންޑަސްޓްރީއާ މަޝްވަރާކޮށް މިކަމަށް މަގެއް ހުޅުވުން.

09. ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.

10. މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުން.

11. އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުން. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން.

12. ޤައުމީ ޕްރޮކިއުމަންޓް އޮފީހެއް ޤާއިމުކޮށް، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި، ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގަންނަ މުދަލާއި ތަކެތި، އޭގައި ކޮރަޕްޝަނެއް ނުހިމެނޭކަން ނުވަތަ، ނާޖާއިޒު ފައިދާއެއް ނުނެގޭކަން ރައްޔިތުންނަށް ޔަޤީން ކޮށްދިނުމަށްޓަކައި ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުން.

13. ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން، ދައުލަތުގެ އިސް ވެރިޔަކު ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލު ގެނައުން. މި ގޮތުން ރައްޔިތުން އިންތިޚާބުކުރާ ދައުލަތުގެ ވެރިޔާގެ މަގާމަކީ، ސިޔާސީ ނޫން މަގާމެއްގެ ގޮތުގައި ކަނޑައަޅައި، ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުން.

14. ދައުލަތުގެ ދުސްތޫރީ އަސާސްތަކާ ކުޅުމުގެ ފުރުސަތު އެކަކުގެ އަތް މައްޗަށް ދޫކޮށް ނުލުމަށްޓަކައި، ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަކިކޮށް ކަނޑައަޅައި ބަޔާންކުރުން. އެގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމުގައި ބަސް ނުބުނެވޭނެ ގޮތަށް ހަމަޖައްސައި، ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތު ތަކުގެ ގޮތުގައި މިފަދަ ކަންކަން ކަނޑައެޅުން:

(ހ) މަޖިލީހުން ފާސްކުރާ ޤާނޫނުއަސާސީގެ އިސްލާހުތަކާއި، އެހެނިހެން ޤާނޫނުތައް ތަސްދީޤު ކުރުން.

(ށ) ބޭރު ދައުލަތްތަކުގެ ސަފީރުންގެ ސަފީރުކަން ދިވެހި ދައުލަތުގެ ނަމުގައި ބަލައިގަތުން.

(ނ) އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް، ނަން ހުށަހެޅުމާއި، އައްޔަން ކުރުން.

(ރ) ޖޭއެސްސީ އާއި މިނިވަން މުއައްސަސާ ތަކަށް މެމްބަރުން އައްޔަން ކުރުމަށް ނަން ހުށަހެޅުން.

(ބ) ދައުލަތުގެ ނަމުގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި ދަރަނި ނަގާ ނަމަ، އެ ނިންމުން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުގެ ބާރު ދިނުން. މި ބަދަލުތަކަކީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ގެނައުމަށް ޤާނޫނުއަސާސީ އަށް ގެންނަން އަޅުގަނޑަށް ފެންނަ ބަދަލުތަކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް