ރާއްޖެ

މަޖިލީހުގެ ރަންގޮނޑިއެއް: އަދި އެއްވެސް ފަރާތަކުން ކެންޑިޑެންސީ ހުށައެއް ނާޅާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޖިލީހުގެ ރަންގޮނޑިއެއް: އަދި އެއްވެސް ފަރާތަކުން ކެންޑިޑެންސީ ހުށައެއް ނާޅާ

ނިމިގެންދިޔަ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ، ބައި އިލެކްޝަންގައި ވާދަކުރުމަށް ކެންޑިޑެންސީ ހުށައެޅުމަށް ފުރުޞަތު ހުޅުވާލާފައިވާތާ 3 ދުވަސްވީއިރު އަދި އެއްވެސް ފަރާތަކުން ކެންޑިޑެންސީ ހުށައަޅާފައި ނުވާކަމުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ނައިބު ރައީސް ޞަލާޙް ރަޝީދު ވިދާޅުވީ، މިއަދުގެ މެންދުރުފަހު، 1:30 އާއި ހަމައަށް އެއްވެސް ފަރާތަކުން ކެނޑިޑެންސީ ހުށައަޅާފައި ނުވާކަމަށެވެ. ކެންޑިޑެންސީ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ، މި ދިޔަ އަންގާރަ ދުވަހުގައެވެ. ކެންޑިޑެންސީ ހުށައެޅުމަށް ދީފައިވާ ސުންގަނޑިއަކީ، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ނިންމުމާއި ގުޅިގެންނެވެ. ގޮނޑި ގެއްލުނު ޝިނާންވެސް ވަނީ، ޕީއެންސީގެ ޓިކެޓުގައި އަލުން އެގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވައި، ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެކަން އިޢުލާނުކުރައްވާފައެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުންވެސް އެ ގޮނޑިއަށް ވާދަކުރަން ނިންމާފައި ވާއިރު، އެމްޑީޕީގެ ޓިކެޓްގައި އެގޮނޑިއަށް ވާދަކުރައްވާނޭކަން، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އިޢުލާނުކުރައްވާފައެވެ.

އެހެންކަމުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑިވެގެންދާނީ، ރަންގޮނޑިއަކަށް ކަމަށާއި، މި ބައި-އިލެކްޝަން ކާމިޔާބުކުރުމަށް ޓަކައި ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު އެމްޑީޕީންވެސް ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ހޭދަތަކެއް ކޮށްފާނެ ކަމަށް، މިހާރުވެސް ވަނީ ލަފާކުރެވިފައެވެ. މީގެ އިތުރުން މިގޮނޑިއަށް ވާދަކުރުމުގެ ޝައުޤުވެރިކަން އަމިއްލަ ފަރާތްތަކުންވެސް ވަނީ ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް