Post banner
ރާއްޖެ

އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

 އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންގެ އިދާރާ --

މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިކަމަށް އިލްތިމާސްކުރި އިރު، އާޖެންޓީނާ ކުޅުނު މެޗުތަކުގައި ހޯދި ކާމިޔާބީއާ ގުޅިގެން އުފާފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ދިވެހީންނާއި ބިދޭސީން މާލޭގެ މަގުތަކުގައި އަޑުގަދަކޮށް ހިނގާލުންތައް ބާއްވަމުން ގޮސްފައިވެއެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް އުނދަގޫތައް ކުރިމަތިވާ ކަމުގެ ޝަކުވާވެސް އާއްމު ފަރާތްތަކުން ކޮށްފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް އަންގާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެކަންވެސް ފުލުހުންގެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް