ދެބޯޓުގެ ހާދިސާގައި އިޙްމާލުވި ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤު ކުރުމަށް ގޮވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތެޔޮބޯޓު މާލޭ ފަރަށް ލައްވެފައި ---
ރާއްޖޭގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް އެތެރެވި ބޭރުގެ ދެ އުޅަނދެއް ނަގިލި ކަނޑައިގެންގޮސް، މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް ލައްވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގައި، ދައުލަތުގެ މުއައްސަސާތަކުން ވެފައިވާ އިހުމާލުގެ މައްސަލަތައް ތަޙުޤީޤުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެކަމަށް ގޮވާލާފައި ވަނީ، އެހާދިސާ އާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އިޙްމާލުވެފައިވާކަން ފާހަގަކޮށް އެކަން ކުއްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އެމް.ޓީ ކޭ.ޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭ.އެލް 1 (ޓަގުބޯޓު) އެ ދެ އުޅަނދަކީ، 2026 އެޕްރީލް 26 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ވަދެ، ރާއްޖޭގެ މާލެ ކައިރީގައި އަޅާފައި އޮއްވައި ފެނުނު ދެބޯޓެވެ. އެ ދެބޯޓު ކަސްޓަމްސްގެ ބެލުމުގެ ދަަށަށް ގެންދިޔަކީ، 3 މެއި 2026 ގައެވެ. އެދުވަހުން ފެށިގެން މި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އެބޯޓުތައް އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް މާލޭ ސިޓީކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިހާދިސާ އާއި ގުޅިގެން މައިގަނޑު 3 ކަމެއް ކުރުމަށް މާލޭ ސިޓީކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛
1. މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކުރުން: މި އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު ޢާންމުކުރުން.
2. ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމާއި، ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން.
3. ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން ޢާންމުންނަށް ޔަޤީންކޮށްދިނުން.
މާލެ ކައިރީގައި އޮއްވައި ވިއްސާރައިގައި އެއް ނަގިލި ބޭނުންކުރަމުން އައި އެ ދެބޯޓު ވަނީ، ނަގިލު ކަނޑައިގެން ގޮސް މާލޭގެ އިރުމަތީ ފަރާތު ފަރާއި، ސިނަމާލެ ބުރިޖުގައި ޖެހި އަދި ގާދޫ ކޮލުން ބޭރަށް އޮޔާ ގޮސްފައެވެ. އެ ބޯޓުތައް ރާއްޖޭގެ އިރުމަތިން 30 ނޯޓިކަލް މޭލު ބޭރަށް އަޑިޔަށް ގޮސްފައިވާ ކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް