Post banner
ރާއްޖެ

ޕާސްޕޯޓު ބުކްލެޓް ހުސްވެ އެމާޖެންސީ ޕާސްޕޯޓު ދޫކުރަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕާސްޕޯޓު ބުކްލެޓް ހުސްވެ އެމާޖެންސީ ޕާސްޕޯޓު ދޫކުރަން ފަށައިފި

އިމިގްރޭޝަނުން މީހަކަށް ޕާސްޕޯޓެއް ދޫކުރަނީ --- ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓުގެ ބުކްލެޓް ހުސްވެ، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އެއް އަހަރުގެ އެމާޖެންސީ ޕާސްޕޯޓެއް ދޫކުރަން ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ހާމަކުރި ގޮތުގައި، "ޕާސްޕޯޓު ބުކްލެޓް" ހުސްވީ، 2016 ވަނަ އަހަރުން ފެށިގެން ދިވެހި "ޕާސްޕޯޓު ބުކްލެޓް" ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް މައްސަލައެއް ދިމާވެ، "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ލިބުން ލަސްވެގެންނެވެ.

ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް މިކަމުގައި ހޭދަވެފައިވާތީ، "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަށް، ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމާއި ސްޓޮކް ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ މަހުގެ (2026 ސެޕްޓެންބަރު) ނިޔަލަށް ކަމަށް އެ ކުންފުނިން އިމިގްރޭޥަން ވަނީ އަންގާފައި ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެހެންވެ، މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި، މިއަދުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައި ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ގެންނަ ބަދަލުތައް:

  • އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކަކުގެ ތެރެއިން، އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް އެމާޖެންސީ ޕާސްޕޯޓް ދޫކުރުން؛ (މިއީ، 1 އަހަރު ދުވަހަށް ދޫކުރާ 8 ޞަފްޙާގެ ޕާސްޕޯޓެކެވެ. މިޕާސްޕޯޓް ހެއްދުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.)

  • ޕާސްޕޯޓުގެ މުއްދަތު ހަމަވާ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު، 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުން؛ (މިޚިދުމަތް ލިބޭނީ ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް ހުށައަޅާ ފަރާތްތަކަށެވެ. މިޚިދުމަތަށް އެއްވެސް ފީއެއް ނުނަގާނެއެވެ.)

އިމިގްރޭޝަނުން ވިދާޅުވީ، ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހިރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ. އަދި މިބަދަލާއި ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް