2025 ވަނަ އަހަރު ނަފްސާނީ ފުރަތަމަ އެހީއަށް އެދި ގުޅި މީހުންގެ އަދަދު 4 ގުނަ އިތުރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުސްވި އަހަރު އެކަނިވެސް ޖުމްލަ 10،821 މީހުންނަށް ވަނީ 1677 އަށް ގުޅާފަ --- ފޮޓޯ: މިހާރު
2025 ވަނަ އަހަރު ނަފްސާނީ ފުރަތަމ އެހީއަށް އެދި މެންޓަލް ހެލްތް ހެލްޕް ލައިން 1677 އަށް ގުޅި މީހުންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާކަން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ހިސާބުތަކުން ދައްކައިފިއެވެ.
ނިސްބަތުން ގިނަ މީހުން ނަފްސާނީ ފުރަތަމަ އެހީއަށް ގުޅަނީ ކަންބޮޑުވެ ހާސްވެފައިވާ ހާލަތްތަކުގައި ވާހަކަ ދައްކާލަން ބޭނުންވެގެން ކަމަށް އެ ޑިޕާޓްމެންޓުން މައުލޫމާތު ދޭއިރު، ހުސްވި އަހަރު އެކަނިވެސް ޖުމްލަ 10،821 މީހުން ވަނީ 1677 އަށް ގުޅާފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ރައްޔިތުންގެ ނޫސް"އިން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓުމެންޓުން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު އިފްތިތާހުކުރި މި ހިދުމަތުގެ ދަށުން ޖުމްލަ 2،576 ކޯލްއަށް ވަނީ ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ހިސާބުތަކުން ހާމަވާ ގޮތުގައި އެވަރެޖްކޮށް އެންމެ ގިނަ ކޯލް އަންނަނީ މާލެ ސަރަހައްދުންނެވެ.
މި ނޫހަށް އިތުރަށް މައުލޫމާތުދެމުން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމެންޓުގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މި ހެލްޕްލައިނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ވާއިރު، ގުޅާ ފަރާތްތަކަށް އޮންނަ އުސޫލުގެ ތެރެއިން ފޮލޯއަޕް ހެދުމުގެ އިތުރުން ހާލަތު މޮނީޓަރކުރާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ކޯލެއް މިސްވެއްޖެނަމަ ޕޮލޯއަޕްކުރެވޭކަމަށް އޭނާ މައުލޫމާތުދިނެވެ.
އެގޮތުން އެ ޑިޕާޓުމެންޓުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ފެންނަ ގޮތުގައި ކޯލް ސެންޓަރަށް ނެގި 18 އިންސައްތަ ކޯލަކީ ހެލްޕްލައިނިން ފޮލޯއަޕް ކުރެވުނު ކޯލްތަކެވެ.
މީގެ އިތުރުން، ހިދުމަތްދޭން ޑިއުޓީގައި އަބަދުވެސް 2 ސްޓާފުން ތިބޭއިރު، ގަޑީއިރަކަށް އެވަރެޖްކޮށް 2 ކޯލަށް އެޓެންޑްވެވޭ ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
މި ނޫހުން އިތުރަށް ވާނީ ސަރުކާރު ހޮސްޕިޓަލުތަކުން ޑަކްޓަރަށް ދެއްކުމަށް ލިސްޓުކޮށް، ގިނަ ދުވަސްވާކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ހާލަތްތަކުގައި ޕޭޝަންޓުންނަށް ބޭނުންވާ އެހީ ލިބޭ އަވަސްމިން ސާފުކޮށްދިނުމަށް އެދިފައެވެ.
މައުލޫމާތުދިން އިންފޮމޭޝަން އޮފިސަރު ހާމަކުރި ގޮތުގައި ހެލްޕްލައިންގައި މަސައްކަތްކުރާނީ ހަމައެކަނި ކައުންސިލަރުންނެވެ. އަދި ޕޭޝަންޓަށް އިތުރު އެހީ ބޭނުންވާނަމަ އޮންނަ ނިޒާމާއި ގުޅޭގޮތުން ލިބުނު ޖަވާބަކުން ސާފެއް ނޫނެވެ. ނަމަވެސް ކައުންސިލަރުން ހިމެނޭހެން މި ދާއިރާގައި ތަޖުރިބާކާރު ފަންނީ ބޭފުޅުން މަދުވުމަކީ އެކަށީގެންވާ ގޮތެއްގައި ފަރުވާދިނުމަށް ހުރި ގޮންޖެހުމެއްކަމަށް އޮފިސަރު ފާހަގަކުރިއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން އިތުރަށް މައުލޫމާތުދޭ ގޮތުގައި ނަފްސާނީ ސިއްހަތުގެ ތަފާސްހިސާބުތައް ފުރިހަމައަށް ދައްކުވައިދޭ ދިރާސާއެއް މިއަދާ ހަމައަށްވެސް ހެދިފައެއް ނުވެއެވެ. އެހެންކަމުން ގައުމީ ނިސްބަތުން ނަފްސާނީ ބަލީގެ އަސަރު ފޯރާފައިވާ މިންގަނޑު ދެނެގަތުމަށް ދަތިކަމަށް އެ ޑިޕާޓުމެންޓުން ހާމަކުރިއެވެ.
އަދި މިވަގުތު ސިއްހީ ހިދުމަތް އެއްކުރެވޭނެ ނިޒާމެއްވެސް ނެތް ކަމަށް މައުލޫމާތުދިނެވެ. ނަމަވެސް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ އަށް ނަފްސާނީ ސިއްހަތުގެ ބާބެއް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ޑިޕާޓުމެންޓުން ހާމަކުރިއެވެ.
ނަފްސާނީ ސިއްހަތާއި ގުޅޭ ގޮންޖެހުންތަކާއި މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލާފައެވެ. އެގޮތުން، މި އަހަރުގެ ޖަނަވަރީ 1 ގެ ފަހުން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މި އަހަރު ނަފްސާނީ ބަލީގެ ފަރުވާގެ ހިދުމަތް ގާއިމްކޮށް، ހިދުމަތްދޭން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ފާހަގަކޮށްލަންޖެހެނީ ސަރުކާރު ހޮސްޕިޓަލުތަކުން ގިނަ ފަހަރު ނަފްސާނީ ބަލިތަކުގެ ޑަކްޓަރަކަށް ދެއްކުމަށް ހައެއްކަ މަސްދުވަސް ވެއިޓް ލިސްޓުވާން ޖެހޭކަމެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ހިސާބުތަކުން ފެންނަ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި އެކަނިވެސް ސައިކޮލޮޖިސްޓެއްގެ ހިދުމަތް ހޯދުމަށް 7-6 މަސްދުވަސް މަޑުކުރަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް