ކީ ސްޓޭޖް 1 ގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ބަދަލު ކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު -- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން.
ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ކީސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ.
އެމަނިކުފާނު މިހެން ވިދާޅުވި، މިއަދު ފެށި 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޝަފީޢު ވިދާޅުވީ، ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން، ކުދިންނަށް ކިޔަވައިދެވޭ ބައިތައް އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން މިފެށޭ ދިރާސީ އަހަރުގައި، މިހާރު ކީސްޓޭޖް 1ގައި ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ޓެކްސްޓްފޮތްތައް ބަދަލު ކުރެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެބަދަލަކީ، ބޮޑު ބަދަލަކަށް ވެގެންދާނެ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކީ ސްޓޭޖް 1 އެއީ، ޕްރައިމަރީ ތަޢުލީމް ފަށާ މަރުހަލާއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ކުދިންގެ ޓެކްސް ފޮތްތަކަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި މުޅި މަންހަޖަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައެވެ.
ކީސްޓޭޖް 1ގެ ފޮތްތަކަށް ބަދަލުގެންނަކަން މިނިސްޓަރ ހާމަކުރައްވާފައި ވާއިރު، ކީ ސްޓޭޖް 1 ދިވެހި މީޑިއަމްއަށް ބަދަލުކުރުމުގެ މުހިއްމު ކަމާއި ގުޅޭ ގޮތުންވެސް ތަޢުލީމީ ދާއިރާގެ ބޭފުޅުން ގެންދަނީ ޚިޔާލުފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ފަށާތަޢުލީމުގެ މަރުޙަލާ ދިވެހި މީޑިއަމަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ސަރުކާރުން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް