ބާޒާރުމަތީ މަގު އާއްމުންނަށް ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ބައިގެ މަސައްކަތް ނިންމާލުން ---
މާލޭ އުތުރު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅަައި ތަރައްޤީކުރި ބައި އާއްމުންނަށް މިއަދު ހުޅުވާލައިފިއެވެ.
މިއަދު އެމަގު ހުޅުވާލާފައި ވަނީ ކުރިން އެއްކޮޅަށް ދަތުރު ކުރާ ގޮތަށް ހަމަޖައްސާފައި އޮތް މަގު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރުމަށް ފަހުގައެވެ. މިގޮތުން ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ހުޅަނގަށް ފާލަންދޮށު ހިނގުމާއި ހަމައަށް ދެކޮޅަށް ދުއްވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައެވެ.
އެމަގު ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖައްސާފައި އޮތް ނަމަވެސް، މަގު ބޭނުން ކުރައްވާފަރާތްތަކުން އެސަރަހަައްދު ބޭނުން ކުރައްވާ ފަރާތްތަކަށް ދަތިނުވާނެހެން މަގު ބޭނުން ކުރެއްވުމަށް ޓްރެފިކް ޕޮލިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ބޯޓުފަހަރަށް މުދާއަރުވާ ބޭލުމުގައި ޑަބަލްކޮށް މަޑު ނުކުރުމާއި ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމާއި މަގުމަތީގައި ޕެލެޓް ނުބެހެއްޓުމާއި، ރައްކާތެރި ދުވެލީގެ މިންގަޑާއި ޚިލާފަށް ނުދުއްވުމާއި، ގަވާއިދާއި ޚިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށްވެސް ޓްރެފިކް ޕޮލިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭ އުތުރު ބަނދަރުގެ މިސަރަހައްދަކީ މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދެވެ. މިސަރަހައްދުން ބޮޑު ތަކުރުފާނު މަގުގެ 250 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، އުތުރު ބަނދަރުގެ އައްދަށު ވާޓަރު ބޭރަށް ޖައްސައި މަގު ވަނީ ފުޅާކޮށްފައެވެ. މިގޮތުން މަގަށް 18 ފޫޓުގެ ސަރަހައްދެއް އިތުރުކުރުމަށް ފަޅުން ބައެއް ހިއްކިއެވެ.
ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ޝަހީދު ހުސައިން އާދަމް ބިލްޑިންގ އާއި ހަމައިންފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް އޮތް ބައިގައިވެސް ތާރު އަޅައިގެން މަގު ތަރައްޤީކުރާ ގޮތަށް ވަނީ ހަމަ ޖައްސާފައެވެ. މިހާރު ނިންމާފައި މިވަނީ، ޖުމްހޫރީމައިދާނުން ފެށިގެން އެމްޕީއެލްއާއި ހަމައަށް އޮތް ބައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤިކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް