ތިން ރަށެއްގައި އިސްލާމީ މަރުކަޒުތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިސްލާމީ މަރުކަޒުތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ތިންރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް އެޅުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، ހއ. އިހަވަންދޫ އާއި ޅ. ނައިފަރާއި، ގއ. ވިލިގިލީގައި އިސްލާމީމަރުކަޒުތައް އެޅުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން ކ ގުޅީގައި މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމާއި ގއ. ވިލިނގިލީގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ޤާއިމްކުރުމަށް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކުރައްވާފައެވެ.
އިހަވަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. އަދި ނައިފަރުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވާއިރު، ވިލިގިލީގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. ވިލިގިލީއަޅާ ގުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތުގެ މަސައްކަތާއި، ކ ގުޅީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް