ފައިސަލް ނަސީމް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިޢުލާނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުރަތަަމަ ފަހަރަށް ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވައި، ރާއްޖޭގެ ތާރީޚުން ޖާގަ ހޯއްދެވި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓަކުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާނުކުރައްވައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ފައިސަލް ނަސީމް ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށާއި އެހެންކަމުން އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިޚްލާސްތެރި ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި، މިއަދު ބައިވެރިވެވަޑައިގެން ފައިސަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވި އިރު، ރަނިންގ މޭޓެއްގެ ގޮތުގައި އިޚުތިޔާރު ކުރައްވާފައި ވަނީ، މިހާރު މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވި އާދަމް ޢާޒިމްއެވެ.
އާދަމް އާޒިމްވެސް ވަނީ، ފައިސަލް ނަސީމާއި އެކު، ރާއްޖެ ޓީވީގެ ފަށާއިރު، ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އާޒިމް ވިދާޅުވީ، ފައިސަލް ނަސީމުގެ ރަނިންގ މޭޓެއްގެ ގޮތުގައި އިންތިޚާބުގައިި ވާދަކުރުމުގެ ފުރުޞަތު ލިބުމަކީ، އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ. އަދި ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި، ރައީސާއި، އެމަނިކުފާނުގެ ނައިބަކީވެސް އެމްޑީޕީގެ މެމްބަރަކަށް ވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ދެބޭފުޅުންވެސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އެބޭފުޅުން ޕްރައިމަރީގައި ވާދަކުރެއްވުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާޢީދާއި އެއްބާރުލުން އޮތް ކަމުގައި ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ވާދަ ކުރައްވާނެކަން ރަސްމީކޮށް މިއަދު އިޢުލާނުކުރެއްވި އިރު، އިތުރު 3 ބޭފުޅަކުވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ ކުރީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލާއި، އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދެވެ. އެހެން ނަމަވެސް މިއިން އެއްވެސް ބޭފުޅަކު އަދި އެބޭފުޅުންގެ ރަނިން މޭޓަކީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަތީ ބާއްވާނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީޚެއް އެމްޑީޕީން އަދި އިޢުލާނެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް