ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! )ފަހުބައި)
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފަޒްލީންއަށް އޭރު ކިރިޔާ އަހަރެއްވީއެވެ. އެހެންކަމުން ފަޒީނާ އެދަތުރުދާން ޝަބީން އެހާ ޤަބޫލެއްވެސް ނުވިއެވެ. ދެސަބަބަކާއި ހެދިއެވެ. އެއްސަބަބަކީ ފަޒްލީން ކުޑަކަމުންނެވެ. އަނެއް ސަބަބަކީ އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެކެވެ. ޝަބީންއަށް ހުވަފެނުގައި ފެނުނީ ފަޒީނާ ވަރަށް ބަލިވެގެން ލަންކާގެ ހޮސްޕިޓަލެއްގައި ބާއްވާފައި އޮތަތީއެވެ. ވީ ކޮންބައްޔެއްކަމެއް ހުވަފެނުގައި އޭނާއަކަށް ނޭނގުނެވެ. އެއީވެސް ނަޞީބެކޭ ފަޒީނާގެ ހިތަށް މިހާރު އަރައެވެ. އެއީ ޝަބީނަކީ ނުހަނު ހުވަފެން ސީދާ މީހަކަށް ވާތީއެވެ. ޝަބީނަށް ނޭނގުނަސް އެހުވަފެން ސީދާވެއްޖެކަން މިއަދު ފަޒީނާއަށް އެނގެއެވެ.
އެރޭގެ ހާދިސާތައް ފަޒީނާގެ ސިކުނޑީގައި އެނބުރިގަތެވެ. ރަމޭޝްއާއި ދިމާވި ގޮތެވެ. އެދެމީހުންގެ ދެމެދުގައި ހިނގި ސިއްރުގުޅުމެވެ. ހޮޓަލުގައި ފަޒީނާއާއި އެކު އޮފީހުގެ އެހެން ތިންކުއްޖަކުވެސް ތިއްބެވެ. އެކަމަކު އެއިން ކޮންމެ މީހަކު ތިބީ ވަކިން ކޮޓަރިއެއްގައެވެ. ފުރިހަމަ މިނިވަންކަން މަތީގައެވެ. އެދުވަހު ފަޒީނާއާއި އެކުގައި އައި އަނެއް ދެކުދިން ދިޔައީ ނޫރައްލިޔާ ބަލާލާށެވެ. ފިނިގަދަ ތަނަކަށްވުމާއި ކުޑަކޮށް ރޯގާ ވައްތަރު ވެފައި ހުރުމުގެ އިތުރުން ނޫރައްލިއްޔާއަކީ ޝަބީންއާއި އެކު އެތައްފަހަރަކު ފަޒީނާއަށް ދެވުނު ތަނަކަށްވާތީ އެދުވަހު އެމީހުންނާއި އެކު ނުގޮސް ފަޒީނާ ހޮޓަލުގައި މަޑުކުރީއެވެ. އެދެމީހުން ދިޔުމުން ވީ ފޫހީގައި އެމީހުންނާއެކު ދެވުނު ނަމަ ރަނގަޅޭވެސް ފަޒީނާގެ ހިތަށް ފަހުން އެރިއެވެ. އޭރު އެމީހުން މާލެ ފުރަން އޮތީ ދެދުވަހަށް ވެފައެވެ.
ހޮޓަލުން ނުކުމެފައި ކުޑައިރުކޮޅެއްގެ ތެރޭގައި ފަޒީނާ ކޮޓަރިއަށް އައީ ފާޚާނާއަކަށް ދާން ބޭނުންވެގެންނެވެ. އޭރު އެހޮޓަލުގައި ރޫމްބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ ރަމޭޝް ކޮޓަރިއާއި ފާޚާނާ ސާފުކުރުމުގައި އެތެރޭގައި އުޅޭކަމެއް ފަޒީނާއަކަށް ނޭނގެއެވެ. ފަޒީނާ ވަތްގޮތަށް ކޮޓަރިތެރެއަށް ސަމާލުކަމެއް ނުދީ ގޮސް ހުޅުވާލީ ފާޚާނާގެ ދޮރެވެ. އޭރު މޫނު ދޮންނަ ތަށި ސްޕަންޖް ގަނޑަކުން ސާފުކުރަން ރަމޭޝް ހުއްޓެވެ. ފަޒީނާ ދިޔައީ ސިއްސައިގެންނެވެ.
ރަމޭޝްހުރީ ގަމީސް ބާލައިގެންނެވެ. ބާރު ފަޓުލޫނުގައި ހުރި އިރު އޭނާގެ ފިރިހެންވަންތަ ސިފަތައް ހާމައަށް ފެންނަން ހުއްޓެވެ. ދޮން ހަށިގަނޑެކެވެ. ފުޅާ ބައިމައްޗެކެވެ. ތަނަވަސް މޭމައްޗެކެވެ. ފަޒީނާ ލަދުގަތެވެ. ރަމޭޝްވެސް ސޮރީއޭ ބުންޏެވެ. ރަމޭޝް ނުކުންނަށް އައުމުން ފަޒީނާވެސް ފާޚާނާދޮރުމަތިން ދުރަށްޖެހިލި ވަގުތު ފައިފުހި މަތިން ކައްސާލިއެވެ. ފަޒީނާ އަރި އަޅާލިވަގުތު ރަމޭޝް ފަޒީނާގެ ގައިގައި ހިފެހެއްޓިއެވެ. އެކަމަކު ދެމީހުން އެކުގައި ކޮޓަރިތެރެއަށް ވެއްޓުނީއެވެ. ދެންދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ދެހަށިގަނޑުގެ ނޭވާ އެއްނޭވާއަކަށް ވަމުންދިޔަ ވަގުތު ކޮޅެކެވެ. ދަޢުވަތު ދެވުނީ ފަޒީނާއަށެވެ. އޭނާގެ ސިކުނޑިއަށް ޝައިތާނާ ސަވާރުވީއެވެ.
ފަޒީނާއަށް ހަމަބުއްދިން ވިސްނާލެވުނީ ވާނެ ހުރިހާކަމެއް ވެ ނިމުނުފަހުންނެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދެން ކުރެވޭނެ ކަމެއް ނެތިއްޖެއެވެ. އެރެއާއި އޭގެ އަނެއް ދުވަހުވެސް ފަޒީނާގާތަށް ރަމޭޝް އައެވެ. ފަޒީނާއަކަށް ދެކޮޅެއްވެސް ނުހެދުނެވެ. އެއަށްވުރެ ބޮޑަށް ރަމޭޝްގެ ރީތިކަމާއި ޗާލާކީ ކަމުގައި ފަޒީނާއަށް ހައްޔަރުވެވުނީއެވެ. މަގު އޮޅުނީ އެވެ. އެއީ އަބަދުގެ މަގު އޮޅުމެއް ކަމަށް ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
މާލެ ފުރަން އޮތް ދުވަހުގެ ކުރީރޭ ފަޒީނާއަކަށް ނުނިދުނެވެ. މުޅިރޭ އޭނާރުޔެވެ. ކުރެވުނު ފާފައަށްޓަކައެވެ. އޭނާދެކެ ލޯބިވާ ވަފާތެރި ފިރިޔަކަށް އެތައް ފަހަރަކު ޚިޔާނާތްތެރި ވެވުނީތީއެވެ. އޭނާ ތައުބާވެ އަސްތަޣުފާރު ކުރިއެވެ. ސަޖިދައިގައި އޮވެ އެތައް ކަރުނައެއް އޮއްސިއެވެ. އެކަން ތާއަބަދަށް ސިއްރުވުން އެދި ދުޢާކުރިއެވެ. އޭނާގެ ދެދަރީންގެ ހައްޤުގައެވެ.
ޑްރެސިންގ ޓޭބަލް މަތީގައި ބޭއްވިފައި އޮތް މެމޯކޮޅު ފެނުމުން ފަޒީނާ ޑޮކްޓަރަށް ދައްކަން ދިޔަކަން ޝަބީނަށް އެނގުނުގޮތް ފަޒީނާއަށް ވިސްނިއްޖެއެވެ. އޭނާ މާނޭވާއެއްލިއެވެ. އަދި މޫނުފޮހެލުމަށްފަހު ސިޓިންގ ރޫމަށް ނުކުތެވެ. އޭރު ސޯފާގައި ދޮށި ދަރިފުޅު ގާތުގައި ކުޑަދަރިފުޅު އުނގަށްލައިގެން ޝަބީން އިނެވެ. އެމީހުން ދިޔައީ ހީ މަޖާކުރަމުންނެވެ.
އެއިން ކޮންމެ މަންޒަރަކުން ފަޒީނާއަށް ލިބެމުންދިޔައީ ހިތްދަތިކަމާއި މާޔޫސްކަމެވެ. އޭނާއަށް އަމިއްލަ ނަފުސްކުށްވެރި ކުރުން ނޫންކަމެއް ނުކުރެވެއެވެ. ހަޔާތުގައި ދިމާވި މިހިތިހިތާމައާއި މެދު ވިސްނައި ފިކުރު ކުރަމުން ފަޒީނާ މޭޒުމައްޗަށް ހަވީރުގެ ސައި ތައްޔާރު ކުރަމުން ދިޔައެވެ.
ޝަބީންއާއި ކުދިން އައިސް ސައިމޭޒު ދޮށުގައި އިށީނިމުން ފަޒީނާވެސް އިށީނެވެ. އެކަމަކު އޭނާ އެއްޗެއް ކާހިތެއް ބޯހިތެއް ނެތެވެ. އެވަގުތު ޝަބީންގެ ފޯނަށް ފޯނެއް އައެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކު ދެއްކި ވާހަކައެއް އަޑު އަހާފައި "އާނ މިދަނީއޭ" ބުނެ ޝަބީން ތެދުވިއެވެ.
"ކޮންތާކަށް ތިދަނީ" ފަޒީނާ އެހިއެވެ.
" ހޮސްޕިޓަލަށް. ރައްޓެއްސެއްގެ އަންހެނުންނަށް ލޭ ބޭނުންވެގެން ލޭ ދޭން" ޝަބީން ހިނިތުންވެލާފައި ބުންޏެވެ. ފަޒީނާގެ ހިތް ތެޅިގަތެވެ. ނޭވާ ކުރުވިއެވެ. ޝަބީން ހުއްޓުވަން އޭނާ ބޭނުމެވެ. އެކަމަކު ޝަބީން ހުއްޓުވަން އޭނާ ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟ ފަޒީނާއަށްވެސް އެނގެއެވެ. ލޭ އެޅުމުގެ ކުރިން ލެބޯޓްރީން ލޭ ދޭމީހާގެ ގައިގައި ލޭ ނުރައްކާތެރި ބައްޔެއް ހުރިތޯ ޓެސްޓް ކުރާނެކަމެވެ. އެހެންކަމުން ޝަބީންއަށް އެޗްއައިވީ ޖެހިފައިވާނަމަ މިރޭ އެކަން ހާމަވާނެއެވެ. އޭރުން ޝަބީނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެޗްއައިވީ ޖެހުނީ ފަޒީނާގެ ފުށުންކަން އޭނާއަށް ޔަޤީން ނުކުރެވޭނެ ހެއްޔެވެ؟ ފަޒީނާ އަށް އެޗްއައިވީ ޖެހުނީ ރަމޭޝްގެ ފަރާތުންނެވެ. އެއީ ފަޒީނާއަށް ޝައްކެއް ނެތް މިންވަރަށް ޔަޤީންވެފައިވާ ކަމެކެވެ.
ޝަބީން ދިޔުމުން ތެޅިތެޅި އޮތް ހިތަކާއި އެކު ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ފަޒީނާ ހުއްޓެވެ. ލިބެން އޮތް ހަބަރަކާއި މެދު ކުރެވޭ ފިކުރުގެ ބޮޑު ކަމުންނެވެ. ކުށްވެރިއަކީ ފަޒީނާކަން އެނގުމުން ޝަބީން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ހާސްވާ ވަރުންނެވެ.
ކުދިންނަށް ކާންދީ ފެންވަރުވައި ނިންދެވުމަށްފަހު ފަޒީނާ އަނެއްކާވެސް ސިޓިންގ ރޫމަށް ނުކުމެ ޓީވީ ހުޅުވައިގެން ހިތް ހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ޓީވީން އަންނަ އެއްވެސް ސީރީޒަކަށް އޭނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނެނީ ޝަބީން އާއި މެދުގައެވެ. އިންތިޒާރު ކުރެވެނީ އޭނާ އަންނާނެ ވަގުތަކަށެވެ. ފަޒީނާއަކަށް ޚަބަރު ބަލައިލަންވެސް ޝަބީނަށް ގުޅާކަށް ނުކެރުނެވެ. އެހެނީ ޝަބީނަށް އެޗްއައިވީ ޖެހިފައިވާ ކަމުގެ ޚަބަރު ލިބިދާނެތީ އޭނާ ގަންނާ ކުރައްވާ ބިރެއްގެ ބޮޑު ކަމުންނެވެ.
ފަޒީނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ ހޮސްޕިޓަލުން ޑޮކްޓަރު ޝާފީއެވެ. ފަޒީނާއަށް ރޮވެން ފެށިއެވެ. ފޯނު ނެގުމުގެ ކުރިންވެސް ލިބޭނީ ކޮން ޚަބަރެއްކަން އޭނާއަށް އެނގޭ ކަހަލައެވެ. އެއްފަހަރު ފޯނު ކެނޑިފައި ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން ފަޒީނާ ފޯނުނަގައި ކަންފަތުގައި ޖެހިއެވެ. އެކޮޅުން ވާހަކަދެއްކީ ޑރ ޝާފީއެވެ.
"ފަޒީނާ ބުނެގެން އަހަރެމެން ޝަބީން ޓެސްޓްކުރުން ލަސްކޮއްލީ. އެކަމަކު މިރޭ ކިރިޔާ އެހެން މީހެއްގެ ފުރާނަ މިސަލާމަތްކުރެވުނީ. ޝަބީން ލޭދޭން އަންނަންޔާ ފަޒީނާ ޖެހޭނެ ދޯ އަންގާލަން. ލޭދިނީ ދިވެއްސެއްވީމަ ލެބޯޓަރީ ޓެކްނީޝަންވެސް ފަރުވާކުޑަކޮށްލީ. ލޭއަޅަނީ ޝަބީންގެ ގައިން ނަގައިގެންކަން އެނގިގެން އަހަރެން ގޮސް އިހަށް އެލޭ ނާޅަން އެންގީ. ލެބޯޓްރީއަށް ގޮސް ބަލާލި އިރު މެޝިނުން ހުރީ އެޗްއައިވީ ޕޮޒިޓިވް ކަމަށް ދައްކާފަ. ޓެކްނީޝަން ފަރުވާކުޑަކޮށް ރިޕޯޓް ލިޔުނީ މެޝިންގެ ނަތީޖާއަށް ނުބަލައި ދިވެއްސެއްވީމަ އެޗްއައިވީ ޖެހިފައި ނުހުންނާނެކަން ޔަޤީންކޮށްގެން" ހުއްޓާލުމެއް ނެތި ޑޮކްޓަރ ޝާފީ ވާހަކަ ދައްކަމުން ދިޔައެވެ.
"ކޮބާ ޝަބީން." ހިތްދަތިކަމާއި އެކު ހިންދިރުވާލަމުން ފަޒީނާ އެހިއެވެ.
"ޑޮކްޓަރުން އޭނާ އާއި ބައްދަލުކޮށް ވާހަކަ ދައްކަނީ. އޭނާ ހައްތާވެސް ބުނަނީ ތިމަންނަގެ އަނބިމީހާ ފިޔަވައި އެހެންމީހަކާ ގުޅުމެއް ނޯންނާނެޔޭ! އެޗްއައިވީ ޖެހޭނެ ގޮތަކަށް ނޫޅެމޭ. އެންމެ ފަހުން ޑޮކްޓަރު ފަރުދީން ބުނެދީފި، ފަޒީނާއަށްވެސް އެޗްއައިވީ ޖެހިފައި ހުރިވާހަކަ." ޑރ ޝާފީގެ ވާހަކަ އިތުރަށް އަޑުއަހާކަށް ފަޒީނާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ފޯނު ކަނޑާލިއެވެ.
ފަޒީނާ ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ބާރަށް ރޯންފެށިއެވެ. ޝަބީން އާއި ކުރިމަތިލާހައި ހިއްވަރެއް ފަޒީނާގެ ނެތެވެ. އޭނާގެ ފާފަވެރި ކުއްވެރި މޫނު ދެން ޝަބީނަށް ދައްކާކަށް އޭނާއަކަށް ނުކެރޭނެއެވެ. ފަޒީނާ ތެދުވެ ހިނގައިގަތެވެ.
ޝަބީން ހޮސްޕިޓަލުން ނުކުމެގެން ގެއާއި ދިމާއަށް ހިނގަމުން އައެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އިސްތަށިގަނޑުވަނީ ހޭވިފައެވެ. ދެކޭމީހުން ހީކުރާނީ އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަމަށެވެ. އަރިއަރިއަށް ޖެހެމުން ލާހޫރެމުން ކަހަލަ ގޮތަކަށް ޝަބީން ހިނގަމުން ދިޔައެވެ. އޭނާގެ ދެފައިގައި ކޮޅަށް ހުރެ ހިނގާހާވަރު ނެތަސް މިއަދު އޭނާ ހިނގަންޖެހޭނެއެވެ. ދަރީންގެ ހައްޤުޤައެވެ. އޭނާއާއި ފަޒީނާ ނެތްދުނިޔެއެއް އައިސް ދަރީން ނިކަމެތިވާނެކަން އެނގޭތީއެވެ. އެކުދީންނަށް އެކަނި ދުނިޔޭގައި އުޅޭނޭގޮތް ދަސްކޮށްދޭން ޖެހޭނެކަން ވިސްނޭތީއެވެ.
އެކަމަކު ފަޒީނާއާއި މެދު އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެއްޖެއެވެ. އޭނާގެ ވަފާތެރިކަމަށް އެފަދަ އިނާމެއް ދިނީތީއެވެ. އޭނާއަށް އެފަދަ ބޮޑު ހިޔާނާތެއް ވީތީއެވެ. އޭނާ ފަޒީނާ އާއި ސުވާލުކުރަން ބޭނުމެވެ. އޭނާގެ ކުށަކީ ކޮބައިތޯއެވެ؟ ހޯދައި ނުދެވުނީ ކޮން އުފަލެއްތޯއެވެ؟
ޝަބީން އަކީ ވިސްނޭ މީހެކެވެ. ރުޅިއަށްވުރެ ބުއްދި އިސްކުރާ މީހެކެވެ. އެހެން މީހަކު ނަމަ މިރޭ ދާގޮތަށް އަނބިމީހާގެ ގައިގައި ތަޅައި ގަންނާނީއެވެ. ނުވަތަ ވަރިކޮށް ނެރެ އެއްލާލާނީއެވެ. އެކަމަކު ޝަބީން އެހެނެއް ނުހަދާނެއެވެ. އެއިންކަމަކުން ގެއްލުނު ދިރިއުޅުން އަނބުރާ ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އަދި އެއިން ކަމަކުން ވާނެފައިދާއެއް ނެތްކަންވެސް އޭނާއަށް ވިސްނެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ދަރީންގެ ހައްގުގައި އޭނާ ފަޒީނާއާއި އެކު ދިރިއުޅޭނެއެވެ. ހަޔާތުގައި ބާކީ އޮތް މަދު ދުވަސްކޮޅުގައިވެސް ދަރީން މައިންބަފައިންގެ ލޯބިން މަހުރޫމް ވިޔަ ނުދޭށެވެ.
ޝަބީންގެއަށް ވަތް އިރު ފަޒީނާ އޮތީ ކާމޭޒު ކައިރިއަށް ވެއްޓިފައެވެ. އަނގައި ހުރީ ފޮނުއަރާފައެވެ. އޭރު މަޑުމަޑުން އޭނާ ގެ އަތްފައި ތުރު ތުރުއަޅަމުން ދިޔައެވެ. ޝަބީން ދުވެފައިގޮސް ފަޒީނާ ގެ ގާތުގައި އިށީނެވެ. މޭޒުމަތިން ޓިޝޫތަކެއް ނަގައި ފަޒީނާ އަނަގަމިތި ފޮހެލިއެވެ. އެވަގުތު ޝަބީނަށް ދުވީ ވިހައެއްގެ ވަހެކެވެ. އެއްލިކަޅިއަކުން ޝަބީނަށް ފެނުނީ މޭޒުދަށުގައި ވެއްޓިފައި އޮތް ކުޑަ ބިއްލޫރި ފުޅިއެކެވެ.
ޝަބީނަށް ހިއްވަރުއައީ ކަށިންނެވެ. ފަޒިނާ އަތްދަނޑިމައްޗަށް ނަގައިގެން ޝަބީން ދުއްވައިގަތީ ގެއިން ނުކުންނާށެވެ. އެމްބިއުލަންސަށް ގުޅާނެ ހޭވެރިކަމެއް ނެތެވެ. ދެކުދިންނާއި ފަޒީނާއާއި ޝަބީން ފިޔަވައި އިތުރު މީހަކު ނޫޅޭ ގެއަކަށްވާތީ އެހީއަކަށް އެދި ގޮވާލާނެ މީހަކުވެސް ނެތެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން ޝަބީން ފަޒީނާ ގޮވައިގެން ހޮސްޕިޓަލަށް ހިނގައްޖެއެވެ. ޚަބަރު ލިބިގެން ފަޒީނާގެ ރައްޓެހިންނާއި ތިމާގެ މީހުން ހޮސްޕިޓަލަށް އައިސްފިއެވެ. ވީކީއްކަން ނޭނގުނަސް ކޮންމެވެސް ބޮޑުކަމެއް ވީކަން އެއެންމެންނަށްވެސް އެނގެއެވެ. މީހަކު އަމިއްލައަށް މަރުވާން ޒަހަރެއް ބޯނީ ކުޑަކަމެއް ވެގެނެއް ނޫންކަން ހަމަބުއްދި ހުރި ކޮންމެ މީހަކަށްމެ ވިސްނޭނެއެވެ.
ފަޒީނާއަށް ފަރުވާދޭން ފެށުމުން ޝަބީން ގެއަށް އައީ ފަޒިނާ ނުދެކޭންވެގެނެއް ނޫނެވެ. ނުވަތަ އޭނާ ދެކެ ރުޅިއަކުންވެސް ގޭގައި ނިދާފައި ތިބި ކުދަ ދެކުދީންއެކަނި ގޭގައި ބައިތިއްބަން ނުކެރިގެންނެވެ. ހުޅުމާލޭގައި އުޅޭ ތިމާގެ ކުއްޖަކަށް ގުޅައިގެން ގެއަށް ގެނެސް އޭނާ ބައިންދާފައި ޝަބީނަށް ހޮސްޕިޓަލަށް ދެވުނީ ދެގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ފަޒީނާ އޮތީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. ވިހައިގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށާއި ސިކުނޑިއަށް ގެއްލުންތައް ލިބިފައިވާތީއެވެ. ޝަބީން އައިސް ފަޒީނާގެ ގާތުގައި ހުއްޓުނެވެ. އަދި ބުންޏެވެ. "ފަޒީއެވެ. އަހަރެން ފަޒީ ދޫކޮށްލުމަކުން ވާނެ ފައިދާއެއް ނެތް އިރު އަހަރެން ފަޒީ ދޫކޮށެއް ނުލާނަމެވެ. އެކަން ނުވިސްނުނީ ކީއްވެހެއްޔެވެ؟ ފަޒީ ދޫކޮށްލުމުން އަހަރެންވެސް އެކަނިވެރިވުން ނޫންކަމެއް ނުވާނެ ނޫންހެއްޔެވެ؟ ވެދިޔަތަން ބަދަލެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟ އަހަރެމެން ވަކިވެއްޖެނަމަ ކުދީން ކިހާ ނިކަމެތިވާނެ ހެއްޔެވެ؟ އަހަރެން ފަޒީއަށް މައާފް ނުކުރާނެ ވަރުގެ ކުށެއް ފަޒީއެއް ނުކުރެއެވެ. ކޮންމެ ކުށަކަށްވެސް މާފު ކުރާނަމެވެ. އެކަމެއް ތަކުރާރު ނުކުރާހާ ހިނދަކުގައެވެ. އަހަރެންގެ ގާތުގައިވާ ފަޒީގެ ކުށަށްވުރެ ﷲ ތަޢާލާގެ ހަޟުރަތުގައި އަހަރެންގެ ކުށް ބޮޑުވެދާނެ ކަމަށް ބިރުވެތިވަމެވެ. އަންނާށެވެ. ތެދުވާށެވެ. އަހަރެމެންގެ ދެކުދީންނާއި އެކު އުމުރުގެ ބާކީބައި އުފަލުގައި ދިރިއުޅޭށެވެ."
ވާހަކަ ނުދެއްކޭ ވަރަށް ވަރުދެރަވެފައި އޮތަސް ޝަބީން ދައްކަމުންދިޔަ ވާހަކަތައް ފަޒީނާއަށް ދިޔައީ އިވެމުންނެވެ. ދޭހަވަމުންނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ތެދެކެވެ. އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދެވަނަ ކުށަކަށްވެސް އަރައި ގަނެވިއްޖެއެވެ. އަދި މުޅި އުމުރަށް ދިރިއުޅުން ބަރުބާދުވެއްޖެއެވެ. އޭނާއަށް ލިބުނީ ކިހާ ރަނގަޅު ކިހާ އޯގާތެރި ފިރިއެއްހެއްޔެވެ؟ އޭނާގެ ދަރީންނަށް ލިބުނީ ކިހާ ވިސްނޭ ބައްޕައެއް ހެއްޔެވެ؟ ޔަޤީނެވެ. މިބިމުގައި މަލާއިކަތެއްގެ ދަރަޖައިގައި އިންސާނަކު ވާނެނަމަ އެމީހަކީ ޝަބީނެވެ. އޯގާތެރިކަމާއި ކެތްތެރިކަމާއި އަޅާލުމާއި ލޯބިން އޭނާގެ ހިތްވަނީ ފުރިފައެވެ. ނަފްރަތާއި ބަދަލުހިފުމާއި ހަސަދަވެރިކަމުގެ ޒައްރެއްވެސް އޭނާގެ ކިބައިން ފަޒީނާއަކަށް ނުފެނެއެވެ. އެކަމަކު ދެންކުރާނެ ކަމެއް ނެތެވެ.
ފަޒީނާ މަރުވީ އައިސީޔޫގައި އޮންނަތާ ދެހަފްތާ ފަހުންނެވެ. ފަޒީނާ މަރުވެގެން ވަޅުލި ދުވަހު އާސަހަރާއިން ޝަބީން ނުކުންނަނިކޮށް "ފިރިމީހާގެ ސަބަބުން އެޗްއައިވީ ޖެހިގެން އެކަމުގެ ހިތާމައިގާ އަނބިމީހާ އަމިއްލައަށް މަރުވީއޭ! ވިޔާނުދާ ފިރިހެނުންނޭ" ދުވަސްވީ އަންހެނަކު ޝަބީނާއި ދިމާއަށް ބުންޏެވެ. ޝަބީނަށް ރޮވުނެވެ. އޭނާ އުޑާއި ދިމާ މަތިބަލާލިއެވެ. އަދި ހިތާއި ހިތުން ބުންޏެވެ.
"އޭ ކައުނުގެ ވެރި އިލާހެވެ. އަޅުގެ ކުށެއް ނުވާކަމުގެ މައްޗަށް ހެކިވެ ވޮޑިގަންނަވާށިއެވެ" އެހެނީ ފަޒީނާ މަރުވުމަށްފަހު ދެން ހަޤީޤަތް ހާމަކޮށް އޭނާ ބަދުނާމު ކުރާކަށް ޝަބީނެއް ނޭދެއެވެ. ހިތާމައެއް ފިޔަވައި ލިބޭނެ އިތުރު އެއްޗެއް ނެތުމާއިވެސް އެކުގައެވެ.
އެދުވަހަށްފަހު ޝަބީން މަރުވުމާއި ހަމައަށްވެސް އެކަން އޮތީ ސިއްރުވެފައެވެ. ހަތަރު އަހަރު ފަހުން ޝަބީން މަރުވުމާއި އެކު ސަރުކާރުން އެކުދިން ގެންދިޔައީ ޔަތީމުކުދިން ބަލަހައްޓާ މަރުކަޒަށެވެ. އެކުދިންގެ ދުނިޔެއަކީ މިހާރު އެތަނެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް