ގެއްލުނުތާ 2 މަސް ފަހުން، މީހާ ހޯދުމުގެ މަސައްކަތް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގެއްލިގެން ހޯދަމުން އަންނަ ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ދޫޑިގަން. ދުންފިނިގެ / ޏ.ފުވައްމުލައް، --- ފޮޓޯ: ޕޮލިސް
ވީނުވީއެއް ނޭނގި މީހަކު ގެއްލުނުތާ ދެމަސްވީފަހުން އާއިލާއިން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ޏ.ފުވައްމުލަކު، ދޫޑިގަން. ދުންފިނިގޭ އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އާއިލާ އާއި ހަވާލާދީ ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަ ޢަބްދުލްޢަޒީޒަކީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށެވެ.
އާއިލާއިން ފުލުހުންގެ އިދާރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އާޢިލާގެ މެމްބަރަކަށް ޢަބްދުލްޢަޒީޒާއި ފޯނުން އެންމެފަހުން ވާހަކަދެކެވިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގައި ކަމަށެވެ. އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ފެނުނުކަމަށްވެސް މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި އެ މައުލޫމާތެއް ޙިއްޞާކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް