ވަޒީފާ ގެއްލުނު ސަބަބު ހޯދަން އިންޖީނުގޭ ދޮށަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވޭވަށުގެ އިންޖީނުގޭ ދޮށުގައި މީހުން އެއްވެފައި --
މ. ވޭވަށުގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިގެ ދަށުން ސްޓެލްކޯއަށް ބަދަލު ކުރި އިރު 12 މުވައްޒަފަކަށް ވަޒީފާ ގެއްލުނު ސަބަބު ހޯދަން އެ މުއްޒަފުން އިންޖީނުގޭ ދޮށަށް ހިނގައްޖެއެވެ.
މިއަދު ހަވީރު، ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން ބައެއް މީހުންވަނީ، ސްޓެލްކޯއަށް ބަދަލުކުރި އިންޖީނުގޭގެ އިސްވެރިންނާއި ސުވާލުކުރުމަށް އިންޖީނުގޭދޮށަށް އެއްވެފައެވެ.
އިއްޔެ ވޭވަށުގެ ފެނަކަ ބްރާންޗުގައި ތިބި 12 މުވައްޒަފުން ވަޒީފާއިން ވަކިކުރީ ސްޓެލްކޯގެ ދަށަށް ބަދަލުކުރި އިރު، އެ މުވައްޒަފުން އެކުންފުންޏަށް ބޭނުން ނުވާކަމަށް ނިންމުމުންނެވެ. އެރަށުން ވާހަކަ ދެއްކި މީހުން ބުނީ ސްޓެލްކޯއިން މުވައްޒަފުންނާއި ގުޅައި އިންޓަވިއުކުރީ ފޯނުންކަމަށެވެ. އަދި ގެނައި ބަދަލުގެ ތެރެއިން އެ މުވައްޒަފުން ނުހޮވުނީ ކީއްވެކަން ސްޓެލްކޯއިން މުވައްޒަފުންނަށް އަންގާފައި ނުވާކަމަށެވެ.
"މުވައްޒަފުން ތިބީ ހަމަ ވާނުވާގައި. އާދީއްތަ ދުވަހު ވަޒީފާއަށް ނުކުމެފައި ހޯމަދުވަހު ނުކުންނަން ޖެހޭ އޮފީހެއް ނޭނގޭތީ ދަންވަރުވި އިރުވެސް ބައެއް މުވައްޒަފުން ތިބީ މައުލޫމާތެއް ނުލިބިފައި. ބައެއް މުވައްޒަފުންނަށް ވަޒީފާއިން ވަކިކޮށްފިކަން އަންގާ ޗިޓް ފޮނުވާފައިވެސް ވަނީ، ވައިބަރ މެދުވެރިކޮށް ދަންވަރު 1:30ވެސް ވީފަހުން." ވޭވަށުން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.
ވޭވަށުން މައުލޫމާތު ދިން މީހާ ބުނީ، މުވައްޒަފުން ނެގުމުގައި ބަލާފައިވަނީ، ޤާބިލްކަމާއި ތަޖުރިބާ އާއި މަސައްކަތުގައި ހޭދަވި މުއްދަތަށް ނޫން ކަމަށާއި، ވަޒީފާގައި ބައިތިއްބާފައި ވަނީ، ސަރުކާރުން ބޭނުންވި ވަކި ބައެއް ކަމަށެވެ. އަދި ވަޒީފާ ގެއްލުނު ގިނަ މީހުންނަކީ، މިސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުންނަށް ނުވާ މީހުންކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.
ވޭވަށުން މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި، ވަޒީފާގައި މީހުން ބޭތިއްބުމާއި އަދި ވަކިކުރުމުގައި އަމަލުކޮށްފައި ވަނީ ބޭއިންސާފުން ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ އާއިލާތަކުގެ މެދުގައި އޮތް ގުޅުން ކެނޑި މަސްލަޙަތުވެސް ގެއްލިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް