ރައީސް ނަޝީދުގެ ރައްދު: މަޖިލީހުގެ ތިންބައި ކުޅައެއްބައި މެމްބަރުން ހުށައެޅުމުން ވޯޓަށް ޖެހޭނީ އަހަން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދު --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި ފާސްކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވި ވިދާޅުވުމަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމުގެ ވާހަކަފުޅު ފުރަތަމަ ފެއްޓެވީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެކަން ކުރަން އުޅެނީ، މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމަށް ފާސްކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޤާމުން ވަކިކޮށްފާނެ ކަމުގެ ބިރަށް ކަމަށެވެ.
އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ޖަލްސާއެއްގައި ރޭ އައްޑޫގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުން ފާސްކޮށް އެމަނިކުފާނު، މަޤާމުން ޢަޒުލްކުރުމަކީ، އިދިކޮޅު ފަރާތްތަކުން ދެކޭ ހުވަފެނެއް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެކަން ކުރުމަށް ފުރުޞަތު ނުދެއްވާނޭ ކަމުގައި ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަހީމަށް ރައްދުދެއްވައި، ރައީސް ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި، ޢަބްދުއްރަހީމް ދައްކަވަނީ، ކޮންބާވަތެއްގެ ވާހަކައެއްތޯ ސުވާލު ކުރައްވައި ވަިދާޅުވީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ހުށައެޅުމުން ވޯޓަށް އަހަންޖެހޭނެ ކަމަށެވެ. އެއީ ރާއްޖޭގެ ޤާނުނު އަސާސީގެ އެންމެ ބޮޑު ހަމަކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމަށް އިދިކޮޅު ފަރާތްތަކާއި ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން ގުޅިގެން ރާވަމުން އަންނަ ކަމުގެ ތުހުމަތުތަކެއް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވެސް އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް