ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފުސަށް ބަދަލު ގެނައުމަށް ރައީސް އެދިވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފުސަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ، މިފެށުނު ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަޙްނިޔާ ފޮނުއްވައި ނެރުއްވި ޚިޠާބުގައެވެ.
އެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށެވެ. މިގޮތުން ރަމަޟާން މަސް އަޅުގަނޑުމެންނަށް އަޚްލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށާއި، އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި، ވަގުތަށް ކަމޭހިތާން ދަސްކޮށްދޭ ކަމަށެވެ. އަދި ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދޭ ކަމަށާއި، އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮއެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތް ދައްކައިދީ ހިތްވަރާއި ކެރުމާއި، ޢަޒުމާއި ޤުރުބާނީގެ މާނަތައް ހިތުގައި ބިންވަޅުނަގައިދޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޯދަވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ ޖަމާޢަތުގެ ގުޅުންތައް ހަރުދަނާކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދިނުމުގެ މަދަރުސާތަކެއްކަންވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.
އެހެން ކަމުން، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް