ރާއްޖެ

ގެއްލުނު ދެމީހުން ހޯދަން ދެލައްކަ އަކަމީޓަރުގެ ސަރަހައްދެއް ބެލި އިރުވެސް ނުފެނުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ދެމީހުން ހޯދަން ދެލައްކަ އަކަމީޓަރުގެ ސަރަހައްދެއް ބެލި އިރުވެސް ނުފެނުނު

ލޯންޗު ހާދިސާގައި ގެއްލުނު އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރް -- ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް.

ކެޔޮދޫ ކައިރިން ގެއްލުނު ދެ މީހުން ހޯދުމަށް ބުރާސްފަތި ދުވަހާއި ހަމައަށް ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކަނޑަށް ގެއްލުނު ކަމަށް ބުނާ އެދެމީހުން ހޯދުމަށް، ވައިގެ މަގުން 2,544 އަކަ ނޯޓިކަލް މޭލު، ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކަނޑު އަޑިން (ޑައިވް ކޮށްގެން) 253,662.6 އަކަ މީޓަރުގެ ސަރަހައްދެއްވެސް ބަލާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ވ. ފެލިދޫ ކައިރީގައި، ރޭސް ސްޕީޑް ލޯންޗެއް ދުއްވުމުގެ ތެރޭގައި ހިނގި ހާދިސާގައި، އިންޑިއާގެ ދެ ރައްޔިތަކު ގެއްލިފައިވާތާ މިވަނީ 8 ދުވަސް ވެފައެވެ. ކަނޑަށް ވެއްޓި ގެއްލުނުކަމަށް ރިޕޯޓްކޮށްފައި ވަނީ، އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރްއެވެ. އެދެމީހުން ގެއްލުނު ކަމަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން އެމީހުން ގެއްލުނު ކަމަށް ބުނާ ސަރަހައްދުގެ ކަނޑުގެ އަޑިއާއި ކަނޑު ޞަތަޙަ އަދި ވައިގެ މަގުންވެސް އެމްއެންޑީއެފުން އަންނަނީ އެސަރަައްދު ބަލަމުންނެވެ.

އެމީހުން ދިރިތިއްބައި ފެނިދާނެ ކަމުގެ އުއްމީދު ގެއްލިފައިވާ އިރު، މަރުވެފައިވާ ނަމަ ހަށިގަނޑުވެސް 8 ދުވަސްތެރޭ ފެންމައްޗަށް އަރާނެ ކަމުގައި އެކަމުގެ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްއެންޑީއެފުން ލަފާކުރަނީ އެދެމީހުންގެ ހަށިގަނޑު ފަރުގެ ގާތަކުގެ ތެރޭގައި ތާށިވެފައި އޮވެދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް