ވޯލްޑް ކަޕުން އިންގްލޭންޑް ބަލިވާ ކޮންމެ ފަހަރަކު ގެވެށި އަނިޔާ އިތުރުވޭ!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިރާސާއިން ހާމަވާ ގޮތުގައި އިންގްލޭންޑް ކުޅޭ މެޗުތަކާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް %26 އިތުރުވާއިރު، އިންގްލޭންޑް ބަލިވާ މެޗްތަކުގައި %38 އިތުރުވޭ --- ފޮޓޯ: ޑެއިލީ އެކްސްޕްރެސް
ބައިނަލްއަގްވާމީ ގޮތުން އިނގެރޭސި ވިލާތުގެ ގައުމީ ޓީމު ވާދަކުރާ މެޗުތަކާއި ބަލިވާ މެޗުތަކާއި ގުޅިގެން އިންގްލޭންޑްގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވާ ދިރާސާ އަނެއްކާވެސް އާންމުވެއްޖެއެވެ.
2014 ވަނަ އަހަރު ލެންކަސްޓާ ޔުނިވާސިޓީއިން ކުރި ދިރާސާއިން ހާމަވާ ގޮތުގައި އިންގްލޭންޑް ކުޅޭ މެޗުތަކާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް %26 އިތުރުވާއިރު، އިންގްލޭންޑް ބަލިވާ މެޗްތަކުގައި %38 އިތުރުވެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ވެސް ގެވެށި އަނިޔާގެ މައްސަލަތައް %11 އިތުރުވާކަން އެ ދިރާސާއިން ދެއްކިއެވެ.
2024 ވަނަ އަހަރު ބޭއްވި ޔޫއެފާ ޔޫރޯ މުބާރާތުގެ ތެރޭގައި ވެސް ގެވެށި އަނިޔާގެ 300 އަށް ވުރެއް ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް އިނގެރޭސިވިލާތުގެ ނޭޝަނަލް ޕޮލިސް ޗީފް ކައުންސިލުން ވަނީ ބުނެފައެވެ.
ވެސްޓް މާސިއާ ވުމަންސް އެއިޑްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ ޖޫން މަހު ހެލްޕްލައިނަށް ގުޅި މީހުންގެ އަދަދު ވަނީ 20 އިންސައްތައަށް އުފުލިފައެވެ.
އަދި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ގެވެށި އަނިޔާއާ ގުޅޭ އެހީތެރިކަން ހޯދުމަށް އިންޓަނެޓުގައި ކުރެވޭ ސާޗުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން 24 ގައި އިންގްލޭންޑާއި ގާނާ ކުޅުނު މެޗުގެ ފަހުން ވޯލްޑް ކަޕް މުބާރާތް ކުރިއަށްދިޔަ ވަގުތުތަކާ ދިމާކޮށް، 'ނޭޝަނަލް ޑޮމެސްޓިކް އެބިއުސް ހެލްޕްލައިން' ހޯދުމަށް އިންޓަނެޓްގައި ކުރެވުނު ސާޗުތައް ވަނީ 5000% އަށް އިތުރުވެފައެވެ.
އިންގްލޭންޑްގެ ވުމެންސް އެއިޑް އަދި ސޮލޭސްއިން ބުނާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަނީ މުބާރާތުގެ ތެރޭގައި މަސްތުވާތަކެއްޗާއި ރާބުއިން އިތުރުވުމުގެ އިތުރުން މެޗުގެ ނަތިޖާތަކުން އުފެދޭ މާޔޫސްކަމާއި ރުޅިވެރިކަން އިތުރުވުމުންނެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުން ފާހަގަކުރާ ގޮތުގައި ގެވެށި އަނިޔާއަކީ ސީދާ ފުޓްބޯޅައިގެ ސަބަބުން، ރާ ބުއިމުގެ ސަބަބުން ނުވަތަ މެޗެއްގެ ނަތީޖާއިން ނުކުންނަ ކަމެއް ނޫންކަން ގަބޫލުކުރުން މުހިންމުކަމަށެވެ.
އަދި ގެވެށި އަނިޔާގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި އަނިޔާދޭ ފަރާތުން ކަމަށާއި، މެޗަކުން ބަލިވުން ނުވަތަ ރާ ބުއިން ފަދަ ކަންކަމަކީ އަނިޔާވެރި އަމަލުތަކުގެ ދިފާއުގައި ދެއްކޭނެ ބަހަނާތަކެއް ނޫންކަމަށް އެ ޖަމްއިއްޔާތަކުން ފާހަގަކުރެއެވެ.
އިންގްލޭންޑްގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2024 ވަނަ އަހަރުގެ މާރޗް މަހާއި 2025 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް އިނގިރޭސިވިލާތާއި ވޭލްސްގައި 3.8 މިލިއަން މީހުން ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައެވެ.
ޔޫކޭގެ އެންމެ ބޮޑު ގެވެށި އަނިޔާއާ ގުޅޭ އެއް ޖަމްއިއްޔާ 'ރެފިއުޖް' އިން ހާމަކުރި ގޮތުގައި ނިސްބަތުން ކޮންމެ 5 ދުވަހަކުން އެއް އަންހެނަކު ގެވެށި އަނިޔާގެ ޝިކާރައިގެ ސަބަބުން މަރުވެއެވެ. އަދި ކޮންމެ 30 ސިކުންތަކުން ފުލުހުންނަށް ގެވެށި އަނިޔާގެ ރިޕޯޓެއް ލިބޭއިރު، ނިސްބަތުން ގެވެށި އަނިޔާގެ ރިޕޯޓުކުރާވަރު %24 އަށް ވުރެއް މަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް