ވަޒީފާގެ ބިރު ދައްކައި ސަރުކާރު ހިންގާ ޕާޓީއަށް މީހުންވައްދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންސީ
ވަޒީފާގެ ބިރު ދައްކައިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް މީހުން ވައްދާކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ވަކި ވަކި މުވައްޒަފުން ރައްޔިތުންގެ ނޫހަށް ވަނީ، އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ޙިއްޞާކޮށްފައެވެ.
ރައްޔިތުންގެ ނޫހާއި ވާހަކަ ދެއްކި، އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވީ، މުވައްޒަފަކު ބުނީ އޭނާވެސް ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށާއި، ޕާޓީއަށް ސޮއިކުރަން މަޖުބޫރުވީ، ކުންފުނީގައި އޭނާގެ މަތިން ހުންނަ ވެރިއަކު، ޕާޓީއަށް ސޮއިނުކޮށްފިނަމަ "އެހެން ގޮތެއް ވެދާނެ" ކަމަށް ބުނުމުން ކަމަށެވެ.
"ރައީސް ޔާމީނުގެ ދައުރުގައިވެސް، އޭރު ޕީޕީއެމްއަށް ސޮއިކުރުވަން، ޕްރެޝަރު އައި. އެކަމަކު އޭރުވެސް ސޮއެއް ނުކުރަން. އޭރު ވަޒީފާގެ ބިރެއް ނެތް. އެކަމަކު މިހާރު އެބަ އިނގޭ ސޮއިނުކޮށްފިއްޔާ ހަމަ ވަޒީފާއިން ވަކިވެސްކޮށްފާނެކަން." ރައްޔިތުންގެ ނޫހާއި ޝަކުވާ ޙިއްސާކުރި އެމްއޭސީއެލްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުންޏެވެ.
މީގެ އިތުރުން ސްޓެލްކޯގެ ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް، ވަޒީފާގެ ބިރުވެރިކަމާއި އެކު ސަރުކާރު ހިންގާ ޕާޓީއަށް ސޮއިކުރަން މަޖުބޫރުވެގެން ސޮއިކޮށްފައިވާ ކަމުގައި، ރައްޔިތުންގެ ނޫހަށް ޝަކުވާ ހިއްސާކުރި ފަރާތްތަކުން ބުނެފައި ވެއެވެ.
ސްޓެލްކޯގެ މުވައްޒަފުން ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް ވެއްދުމުގައި އެކުންފުނިން މަސައްކަތް ކުރާކަން، ރާއްޖެ ޓީވީން ވަނީ އެޓީވީން ލައިވްކޮށް ގެނެސްދޭ ފަށާއިރު، ޕްރޮގްރާމްގައި ފަޅާއަރުވާލާފައެވެ.
ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް، ކުންފުނިތައް މެދުވެރިކޮށް ފަށާފައި މިވަނީ، ކުންފުނިތައް ރައިޓް ސައިޒްކުރުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 6000 ވުރެ ގިނަ މުވައްޒަފުން ވަކިކުރާނޭ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ކުންފުނިތައް ރައިޓް ސައިޒްކުރުމަށް މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅުގައި ޕީއެންސީން ކުންފުނިތައް މެދުވެރިކޮށް އެޕާޓީގެ މެމްބަރޝިޕް އިތުރު ކުރަން ފަށާފައި މިވަނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމުގެ ކުރިން އެޕާޓީއަށް މެމްބަރުން އިތުރުކޮށް ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ އިތުރު ކުރުމަށްކަމަށް އެނގިފައިވެއެވެ. ޖޫންމަހުގެ ނިޔަލަށް، ޕީއެންސީގެ ދަފްތަރުގައި، 67،579 މެންބަރުން ތިބި އިރު، 2026 ވަނަ އަހަރުގެ ބަޖެޓުން އެޕާޓީއަށް، 13.3 މިލިއަން ރުފިޔާ ދީފައި ވެއެވެ.
މިސަރުކާރުގެ ކުރީކޮޅު، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގެ ތެރޭގައި، އެއިދާރާގައި ހުރި ދިވެހިރައްޔިތުންގެ މައުލޫމާތު ބޭނުންކޮށްގެން، މީހުންނަށް ނޭނގި މީހުން ޕީއެންސީއަށް ވެއްދި މައްސަލަތަކެއްވެސް ފެންމަތި ވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް