ދިގު ވާހަކަ: ހިތާމައިގެ ރާނީ- 14
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިގުވާހަކަ: ހިތާމައިގެ ރާނީ
30 މެއި ގެ އަދަދާއި ގުޅޭ!
އާޝިޔާ ވެއްޓުނުތަން ފެނިފައި އާތިފާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެއަޑަށް އެއްވެފައި ތިބި މީހުންތައް ފަސް އެނބުރި ބަލާލައިފިއެވެ. އެތާ ގާތުގައި ހުރި އަންހެނަކު ދުވެފައި އައިސް އާޝިޔާގެ އަތުގައި ހިފައި ކޮޅެއް ނެގިތަނާ އާތިފާއަށްވެސް އާޝިޔާއާ ހަމައަށް އާދެވިއްޖެއެވެ.
މީހުންތައް ފޭކުރަމުން އާތިފާ އާއި އިމާދު އާޝިޔާ ގޮވައިގެން މެދު ގޭތެރެއަށް ވަތް އިރު، އުތުރު އެނދުމަތީގައި ރަޙްމާނާއި ބީފާނުދައިތަ އޮތީ ބާއްވާފައެވެ. އެމީހުންގެ ގާތުގައި އިށީނދެއިން ކަތީބު ތެދުވަމުން ބުނީ ދެމީހުންކުރެ އެކަކުގެވެސް ފުރާނައެއް ނެތް ކަމަށާއި ކަށުކަމާއި ކެމީގެ ކަންތައް އަވަސް ކުރަންވީ ކަމަށެވެ.
އާތިފާގެ އަތްފޮޅުވާލާފައި ގޮސް އާޝިޔާ ބައްދައިގަތީ މަރުވެފައި އޮތް މާމަގެ ހަށިގަނޑުގައެވެ. އަޑުން އަޑުނަގައި އެކުޑަކުއްޖާ ރޯއަޑުން މުޅިގޭތެރެ ގުގުމާފައި އޮތް އިރު، އެއަޑު އުޑާއިހަމައަށްވެސް ފޯރާނެކަން ޔަޤީނެވެ. އާތިފާ ވަރަށް ހިއްވަރުން އާޝިޔާ ބީފާނުގެ ދައިތަގެ ގައިން ވަކިކޮށް ބޭރަށް ނެރެފިއެވެ. އޭނާ ހުއްޓުވޭތޯ އާތިފާ މަސައްކަތް ކުރަމުން ދިޔައެވެ. ބާރަށް ރުއިން ފިޔަވައި އެއްވެސް ކަމެއް އާޝިޔާއަކަށް ނުކުރެވެއެވެ.
ރަޙްމާނާއި ބީފާނުގެ ކަށުކަމާއި ކެމީގެ ކަންތައް ގޭތެރޭގައި ހިނގަމުން ދިޔައިރު، ގޯތިތެރޭގައި ހުރި އަށިމަތީގައި އާތިފާ އިނީ އާޝިޔާގޮވައިގެންނެވެ. ރަށުގެ ރައްޔިތު އެންމެން އޮތީ އެގޯތިތެރެއަށް ޖަމާވެފައެވެ. އެދެމަފިރިންގެ މޫނު ބަލާލާފައި ނުކުންނަ މީހުންގެ ތެރެއިން އެކަކުވެސް އާޝިޔާއަކަށް ސަމާލުކަމެއް ނުދެއެވެ. ހަމްދަރުދީގެ ބަހެއްވެސް ބުނެނުލައެވެ. ކޮންމެ މީހަކުވެސް ބަލަނީ އާޝިޔާ އާއި ވީހައިވެސް ދުރުން އުޅެވޭތޯއެވެ.
ދެ ސަންދޯއް ގެއިން ނެރެފިއެވެ. ބަނބުކެޔޮ ފިލާގެ ކޮންމެ ސަންދޯކެއްގައި ހަ މީހުން ކޮނޑުއަޅައިގެން ތިއްބެވެ. އެންމެ ކުރީގައި ހުރީ ކަތީބެވެ. އޭނާގެ ފަހަތުގައި ދެން ޖެހިގެން ހުރީ އިމާދެވެ.
ސަންދޯއްތައް ގެއިން ނެރުމާއި އެކު އާޝިޔާގެ ރުއިން ބާރުވެއްޖެއެވެ. އޭނާ ބޭނުންވީ ސަންދޯއްތަކުގެ ފަހަތުންދާށެވެ. އެކަމަކު އަންހެނުންނަށް ސަހަރާއަށް ނުވަދެވޭތީ، ސަންދޯކުގެ ފަހަތުން އަންހެނުން ދިޔުމަކީ މިރަށުގެ އާދައެއް ނޫނެވެ. އެހެންވެ އާތިފާވެސް އަދި އެހެން އަންހެނުންވެސް މަޑު ކުރީ ގޯތި ތެރޭގައެވެ.
ގޯތިތެރެއިން މަޑުމަޑުން މީހުން ހުސްވަމުން ހުސްވަމުން ގޮސް ހުސްވެއްޖެއެވެ. މިހާރު އަށިމަތީގައި ތިބީވެސް އާތިފާ އާއި އާޝިޔާއެވެ. އޭރު އާތިފާ އުނގުގައި ބޯއަޅައިގެން އޮތް އާޝިޔާއަށް ނިދިއްޖެއެވެ. އެކަމަކު ނިދީގައި އޮވެވެސް އެކުއްޖާ ދިޔައީ ގިސްލަމުންނެވެ.
ކަންތައް ހިނގައި ދިޔަ ގޮތުންނާއި ރަށު މީހުންގެ ވާހަކަތަކުން އެންމެ ފަހުން އާތިފާގެވެސް ހިތް ޝައްކުވެއްޖެއެވެ. އާޝިޔާ ދަރިއެއްގެ ގޮތުގައި ގެންދިޔުމާއި މެދު ޚިޔާލު ބަދަލުވާން ފަށައިފިއެވެ.
"ހަމަ އަސްލުވެސް މިއީ ސުންޕާ ކުއްޖަކީބާ؟ މީނާ ދިޔަތަނެއް ފަނާވާނީބާ؟ މާތް ރަސްކަލާނގެ މިދުނިޔޭގައި ވާހައި ހިތާމައެއް ލިޔުއްވާފައި ވަނީ މިކުއްޖާގެ ނަސީބުގައި ބާ؟" އާތިފާ ހިތާ ހިތާ ބުނަމުން ދިޔައެވެ.
ފަޅުވެ ހިމޭން ވެފައިވާ ގޯތީގެ ތެރެއަށް އާތިފާ ބަލާލިއެވެ. ކޮންމެ އެއްޗަކާއި ކޮންމެ މަންޒަރެއް ބުނެދެނީ ހިތާމައިގެ ވާހަކަތަކެވެ. ވީރާނާ ކަމުގެ އަސަރުތަކެވެ. އުއްމީދެއްގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
"އުމުރުގައިވެސް ތިޔަ ކުއްޖާ ހިނިތުން ވެލީ މިއަދު. އޭގެ ބަދަލު އެލިބުނީ." އާތިފާއަށް އިވުނީ ކާކުގެ އަޑެއްކަމެއް ނޭނގުނެވެ. އާތިފާ އެނބުރި ބަލާލިއެވެ. ކައިރީގައި މީހަކު ފެންނާކަށް ނެތެވެ.
ޚިޔާލުތައް ގިނަވެ އަމިއްލަ ނަފުސާއިވެސް ވާހަކަ ދެއްކެނީ ކަމުގެ ބިރު އާތިފާގެ ހިތަށް ވަދެއްޖެއެވެ. އެއާއެކު އޭނާ ބޭނުންވީ އަށިމަތިން ތެދުވާށެވެ. އާތިފާ އޭނާގެ އުނގުތެރެއިން އާޝިޔާ ނަގައި ހަރުއަށި މަތީގައި ބޭއްވިއެވެ. އޭރުވެސް ގިސްލެވިލެވި އޮތް އާޝިޔާ އޮތީ ފުން ނިދީގެ ތެރޭގައެވެ.
އާތިފާ ރަނގަޅަށް އާޝިޔާގެ މޫނަށް ބަލާލިއެވެ. ރީތި ދޮން ވައްމޫނެކެވެ. ކަޅުކުލަގަދަ ދެބުމައެވެ. ކަނާތު ބުމައިގެ މަތީގައި އުފުލިފައި އިން ކުޑަކުޑަ ކަޅިތިލަ އާތިފާއަށް ފެނުނީ އެވަގުތުއެވެ. އާތިފާއަށް ފަހަތަށް ޖެހެވުނެވެ. ލިބުނު ޝޮކްގައި މޭގައި އަތް އެޅުނެވެ. އާތިފާއަށް މަޑުމަޑުން ބުނެވުނީ ބައްޕާއޭ އެވެ.
ދެފިޔަވަޅެއް ފަހަތަށް ޖެހިލައި އަނެއްކާވެސް އާތިފާ އާޝިޔާގެ މޫނަށް ބަލާލިއެވެ.
އާތިފާއަށް ހަނދާންވީ ކުޑައިރުގެ ހަނދާނެކެވެ. ދޮންދައްތައަށް ފުރަތަމަ އަންހެންކުއްޖަކު ލިބި އެކުއްޖާގެ ގެނެސް ބައްޕަގެ އުނގަށްލީމާ ބައްޕަ ވިދާޅުވި ވާހަކައެވެ. އެކުއްޖާގެ މޫނުގައި ހުރި ކަޅިތިލަ ފެނިފައި އެދުވަހު ބައްޕަ ފެށީ ރޯށެވެ. ވިދާޅުވީ، މުޅި އާއިލާގެ ނަމާއި ޢަބުރު ނަގައިލާނޭ އަދި ދެދުނިޔޭން ގެއްލިދާނޭ ކުއްޖަކަށް އޭނާ ވާނެ ކަމަށެވެ. އެކުއްޖަކީ ދޮންދައްތަގެ އާމިނާއެވެ. އާމިނާވެސް ބޮޑުވީ ނައިބު ގޭތެރޭގައެވެ. ބައްޕަ ނިޔާވިފަހުން، އުމުރުން އެންމެ 13 އަހަރުގައި އާމިނާ ނިޔާވީ، ނަހަލާލަށް ބަލިވެ އިނުމުން ދަރިވައްޓާލަށް ހެދި ބޭހާ ފަންޑިތަކުގެ ތެރޭގައެވެ. އެކަން ދުނިޔެއަށް ސިއްރުވެފައެއް ނެތެވެ. ފާޅުގައި މީހުން އެވާހަކަ ނުދެއްކި ނަމަވެސް ނައިބު ގޭތެރޭގައި ހިނގި އެކަންތައްގަނޑު ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް އެނގެއެވެ. އެކަމަކު ބައްޕަގެ ގަދަރާއި ޝަރަފުކުޑަކޮށްލަން ބޭނުން ނުވާތީ އެންމެވެސް ތިބީ އެއީ ނުވާކަމަކަށް ހަދާލައިގެންނެވެ.
އަށިމަތީގައި އާޝިޔާ ބާއްވާފައި، އާތިފާ ހިނގައިގަތީ، ގޯތިން ބޭރަށް ނުކުމެވެން ހުރި ދޮރާއި ދިމާއަށެވެ. ފުޅަލިގަނޑު ފޭކޮށްލާފައި އާތިފާ ނުކުތީ މަގުމައްޗަށެވެ. އޭނާ ބެލީ އިމާދު ފެނޭތޯއެވެ.
އާތިފާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި، އިމާދާއި އެހެން މީހުން މަގުކޮޅުން އެދިމާލަށް އަންނަ ތަން ފެނިއްޖެއެވެ. އިމާދާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރި އާތިފާ ހުރިގޮތަށް ފުޅަލި ގަނޑުކައިރީގައި ހުއްޓި ހުއްޓެވެ. ގޯތިތެރޭގެ އަށިމަތީގައި އާޝިޔާ އޮތީ އެކަނި ނިދާފައި ކަމެއްވެސް މިހާރު އާތިފާ ހަނދާނެއް ނެތެވެ. އޭނާ ހުރީ އެއަށްވުރެ މާ ކަންބޮޑުވެފައެވެ. ބިރުގެންފައެވެ. ހިތުގައި ޝައްކުތަކާއި ވަޙުމްތައް ގިނަވެފައެވެ.
އާތިފާ ހުރި ހިސާބަށް އާދެވުމުން އިމާދު ހުއްޓުނެވެ. އެކުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ފަހަރަކު މީހަކު އިމާދު އާއި ސަލާމްކޮށްލާފައި ހީނލާފައި މަގު އޮތް ގޮތަށް ހިނގައިގެންފިއެވެ.
"ކީއްވެ ބޭރުގައި ތިހިރީ!" ހުރިހާ އެންމެން ދުރަށް ހިނގައިގަތުމުން އާތިފާގެ އަތުގައި ހިފަމުން އިމާދު ބުންޏެވެ.
"ހިނގާދޯ އަވަހަށް ފުރޭތޯ އުޅެން. ދެން މިރަށުގައި ތިބޭނެ ކަމެއް ނެތް." އާތިފާ ފުންނޭވާއެއްލާފައި ބުންޏެވެ.
"އާނ! އެކަމަކު ކަތީބުބެ އާ ވާހަކަ ދައްކާލާފަ، އާޝިޔާގެ ކަންތައްތައް ހަމަޖައްސާލަން ޖެހޭނެ އެއްނު." އިމާދު ބުންޏެއެވެ.
އާތިފާ ބޯހޫރުވާލިއެވެ. އިމާދަށް ލިބުނީ ހައިރާން ކަމެކެވެ. އާތިފާ އެބުނީ ކީކޭކަން ނޭނގިގެންނެވެ.
(ނުނިމޭ)
މިވާހަކަ ކިޔުންތެރިންނަށް، ކަމުދާ ނަމަ މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، ކިޔުންތެރިންގެ އެހީތެރިކަމަށް އެދެމެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް