ރާއްޖެ

މި އަހަރުގެ މިހާތަނަށް ގައިން ގަޔަށްއަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެއް ގިނަ!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މި އަހަރުގެ މިހާތަނަށް ގައިން ގަޔަށްއަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެއް ގިނަ!

2022 ވަނަ އަހަރު މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މި އަހަރުގެ މިހާތަަނަށް ގައިން ގަޔަށްއަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެއް ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ޖުމްލަ 135،802 މީހުން ވަނީ ގައިން ގަޔަށްއަރާ ބަލިތަކުގެ ތެރެއިން އާންމުކޮށް ފެންނަ ހަތަރު ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައެވެ.

އެއީ، ވައިރަލް ހުން ޖެހުނު 31،197 މީހުންނާއި ޑެންގީ ހުން ޖެހުނު 1،642 މީހުންނާއި އަރިދަފުސް ރޯގާ ޖެހުނު 81،464 މީހުންގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުން ތަހައްމަލުކުރި 21،499 މީހުންނެވެ.

ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މީހުންނަށް ޖެހުނީ އަރިދަފުސް ރޯގާއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އަރިދަފުސްރޯގާ އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހއ، ޅ އަދި ޏ އަތޮޅުގައެވެ.

މިއަހަރު އެންމެ ގިނައިން އަރިދަފުސް ރޯގާ ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. ޖުމްލަ 35،693 ކޭސް ރިޕޯޓުކޮށްފައިވާއިރު ފެބްރުއަރީ މަހު މިއަދަދު ވަނީ 25،010 އަށް ވެއްޓިފައެވެ. އަދި ހުސްވި މާރޗް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ އެންމެ 20،761 މީހުންނެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހާ އަޅާކިޔާއިރު %41.8 ގެ ދަށްވުމެކެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ 10،000 މީހަކަށް ބަލާއިރު ނިސްބަތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީހުން ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެގޮތުން ޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނިވެސް 535 ރިޕޯޓު ލިބިފައިވާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި މި އަދަދު ފެބްރުއަރީ މަހު 428 މީހުންނަށް މަދުކުރެވުނު ނަމަވެސް، ޖެނުއަރީގައި 679 މީހުން ވަނީ ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުސްވި މާރޗް މަހު ރާއްޖޭގައި އާންމުކޮށް ރިޕޯޓުކުރެވޭ ގައިން ގަޔަށްއަރާ ބަލިތަކުގެ ތެރެއިން ޑެންގީ ހުން ފިޔަވާ އެހެން ބަލިތައް ރިޕޯޓުކުރެވުނު އަދަދު މަދުވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް