ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަކުރަން ފާސްކުރި އިސްލާޙް ރައީސް ތަސްދީޤު ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 4 ރއަށް ކުޑަކޮށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެއެވެ.
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ކުރިން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ، 4 ރުފިޔާއަށް ކުޑަކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30% (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ނުނެގުމަށްވެސް އެ އިސްލާޙްގައި ހިމަނާފައި ވެއެވެ.
ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީ 8ރުފިޔާއަށް ބޮޑު ކުރީވެސް މިސަރުކާރުންނެވެ. މިއަދު މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި އެކު، މިއަދުން ފެށިގެން ޑިއުޓީ ކުޑަވެގެން ދާނެއެވެ.
އިއްޔެ އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވަނީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ އިއްތިފާޤުންނެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމީ ޑަބްލިޔުއެޗްއޯގެ ލަފަޔާއި އެކުގައި ކަމަށް ސަރުކާރުގެ ބައެއް ވެރިން ވިދާޅުވެފައި ވީނަމަވެސް، އެފަދަ ލަފައެއް ދީފައިވާކަން ޑަބްލިޔުއެޗްއޯއިން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް