Post banner
ރާއްޖެ

މަޙްދީ ނިޔާވި ހާދިސާއަށް 3 މަސް: ތަޙްޤީޤަށް އެމްއެންޑީއެފުން އެއްބާރުލުން ނުދޭކަން ވަނީ އެނގިފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޙްދީ ނިޔާވި ހާދިސާއަށް 3 މަސް: ތަޙްޤީޤަށް އެމްއެންޑީއެފުން އެއްބާރުލުން ނުދޭކަން ވަނީ އެނގިފައި

އެމްއެންޑީއެފްގެ ސަރޖަންޓް ފަސްޓްކްލާސް މުޙައްމަދު މަޙްދީ ނިޔާވި ހާދިސާއަށް މިއަދަށް 3 މަސް ފުރިއްޖެއެވެ.

ސަރޖަންޓް ފަސްޓް ކްލާސް މުހައްމަދު މަޙްދީ ނިޔާވީ، މެއި މަހުގެ 16 ވަނަ ދުވަހުގައި ދެވަނަ ކަނޑުގެ 58 މީޓަރު އަޑީގައިވާ ހޮހަޅައިގެ ތެރޭގައި މެއި 14 ވަނަ ދުވަހު މަރުވި އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ. މަހުދީގެ ހަށިގަނޑު ނެގީ 3 ޗެމްބަރު ހުންނަ އެ ހޮހަޅައިގެ ދެވަނަ ޗެމްބަރުގެ ތެރެއިން ފުލުހުންގެ ޑައިވް ޓީމުންނެވެ.

އެހާދިސާ އާއި ގުޅިގެން ސަރޖަންޓް ފަސްޓްކްލާސް މުޙައްމަދު މަޙްދީ ނިޔާވި ހާދިސާ ތަޙްޤީޤުކުރަމުންދާކަމުގައި މެއި 20 ވނަ ދުވަހު ފުލުހުން ބުނުން ފިޔަވައި، އެކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.

މަހްދީ ނިޔާވީ، ޑިކޮމްޕްރެސް ސިކްނެސް ހާލަތު ކުރިމަތިވެ، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށްކަން ދޭހަވާ މޭރުމުން އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތު ދިން ނަމަވެސް އެއީ ދޮގުމައުލޫމާތެއްކަން ތަފާތު އެކި މަސްދަރުތަކުން ލިބުނު މައުލޫމާތުން އެނގިފައި ވެއެވެ. އަދި ހާދިސާތަކުގައި ނިޔާވާ ފަރާތްތަކުން، ހޮސްޕިޓަލަށް ގެންދާއިރުވެސް މަރުވެފައިވާކަން ނުވަތަ ނޫންކަން، އާއްމު ގޮތެއްގައި މީޑިއާތަކަށް ހޮސްޕިޓަލުންވެސް ކަށަވަރުކޮށްދެއެވެ. އެހެން ނަމަވެސް މަޙްދީގެ މަރުގެ ހާދިސާގައި، މަޙްދީ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ނިޔާވެފައިތޯ ކުރި ސުވާލަށް އޭޑީކޭ ހޮސްޕިޓަލުންވެސް ޖަވާބު ދީފައެއް ނުވެއެވެ.

މަޙްދީގެ މަރުގެ ސެޓްފިކެޓްގައި، "ރެސްކިއު ފްރޮމް ޑެޕްތު" ކަމަށް ލިޔެފައި ވާއިރު، އެއީ ޞައްޙަ ނޫން މައުލޫމާތެއް ކަމަށް ވާތީ، އެ މައުލޫމާތު ރަނގަޅުކޮށް އަލުން މަރުގެ ސެޓްފިކެޓް ދިނުމަށް އާއިލާއިން ވަނީ، އެދިފައެވެ. އެހެން ނަމަވެސް މަރުގެ ސެޓްފިކެޓް އިސްލާޙްކޮށް އާއިލާއަށް އަދިވެސް ނުދޭ ކަމުގައި މަހުދީގެ އެއްބަނޑުއެއްބަފާ ކޮއްކޮއަކު ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މަޙްދީގެ މަރުގެ މައްސަލަގައި ފުލުހުން ފެށި ކަމަށް ބުނާ ތަޙްޤީޤަށް އެމްއެންޑީއެފުން އެއްބާރުލުން ނުދޭ ކަމުގައި ފުލުހުންގެ އޮފިސަރެއްގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ. މިގޮތުން މަހުދީ ނިޔާވި އިރު އަތުގައި އަޅާފައި އޮތް ޑައިވިން ގަޑިއަކީ، މަހުދީގެ މަރުގެ ސަބަބާއި މަރުވި ވަގުތު ދެނެގަނެވޭނެ މައުލޫމާތު ހުންނާނެ ގަޑިއެއް ކަމުގައި ވީނަމަވެސް އެގަޑި އެމްއެންޑީއެފުން ފުލުހުންގެ ތަޙްޤީޤަށް ދީފައި ނުވާކަމަށް މައުލޫލާތު ލިބުނެވެ. މީގެ އިތުރުން މަޙްދީގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު އެ ފޯނާއި ގަޑި ބޭނުންކޮށް ޑައިވްލޮގު ބެލިކަން އެނގިފައި ނުވާކަމަށްވެސް މަހުދީގެ ކޮއްކޮ ވަނީ މައުލޫމާތު ދީފައެވެ.

މަހުދީގެ ފޯނު ފުލުހުންގެ ތަޙްޤިޤުގެ ބޭނުމަށް ހިފަހައްޓާފައި ވާއިރު، އެފޯނު ހުޅުވަން ބޭނުންވެގެން އާއިލާގެ ކިބައިން އެދިފައި ނުވާކަމަށްވެސް މަހުދީގެ އާއިލާގެ ފަރާތުން މީގެ ކުރިން ރައްޔިތުންގެ ނޫހަށް މައުލޫމާތު ދީފައި ވެއެވެ.
މަޙްދީ ނިޔާވި ހާދިސާގައި ސަލާމަތީ ޚިދުމަތްތަކުގެ އިހުމާލެއް އޮތްކަން ނުވަތަ ނޫންކަންވެސް ކަށަވަރުވާނީ، މިނިވަން އިންސާފުވެރި ގޮތެއްގައި މަރުގެ އެމައްސަލަ ބަލައި ތަޙްޤީޤުކޮށްގެންނެވެ. އެހެން ނަމަވެސް ތަޙްޤީޤު މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބެއް ފުލުހުންވެސް އަދި ކަމާއި ގުޅޭ އެހެން އިދާރާއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް