ރައްޔިތުންގެ ޝަކުވާތައް ހުށައަޅަން އިދާރާއެއް އުފައްދަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައެޅުއްވުން --- ފޮޓޯ: ރައީސް އޮފީސް
އެކި ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ޝަކުވާތައް ހުށައެޅުމަށާއި އެކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކި އިދާރާއެއް އުފައްދަވައިފިއެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ނަމުގައި މިއިދާރާ އުފައްދަވާފައި ވަނީ މިއަދުއެވެ. އެހެން ނަމަވެސް މި އިދާރާގެ ރަސްމީ މަސައްކަތްތައް ޢަމަލީގޮތުން ފެށޭނީ މިއަހަރުގެ މެދުތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މި ބިއުރޯގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ވެސް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް، އެކަމަށް ޚާއްޞަ އޮފީހެއް ޤާއިމްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުސްވި ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް