ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ނަތީޖާ އެއްވަރުވި ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުހުން މިއަދު ހެނދުނު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8އިން ހަވީރު 4އަށެވެ.
މިއިންތިޚާބުގެ ވޯޓުލުން 5 ދާއިރާއެއްގައި ބާއްވައެވެ. މިއިންތިޚާބުގައި، ހެނދުނު 10:00 އާއި ހަމައަށް ވޯޓުލާފައި ވަނީ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ، 4820 މީހުންގެ ތެރެއިން 1273 މީހުން ކަމަށާއި އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %20.89 ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައި ވެއެވެ.
ނަތީޖާ އެއްވަރުވެ ދެވަނަ ބުރެއް މިއަދު ބާއްވަނީ، ހއ ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރެއްވި، މަހުދިއްޔާ އާދަމް އާއި ހައްވާ ފަޒުނާގެ މެދުގަޔާއި، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރެއްވި، ފާޠިމަތު ރިއުޒާ އާއި ފާތިމަތު ނިޝާދާގެ މެދުގަޔާއި، ލ މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރެއްވި ފާޠިމަތު ޝާފިޔާ އާއި މަރްޔަމް މާޢިޝާގެ އިތުރުން، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ވާދަކުރެއްވި، އައިޝަތުމުނާ އާއި އާމިނަތު ރަފާޙްގެ މެދުގަޔާއި، ފުވައްމުލައްސިޓީ ދަނޑިމަގު ދާއިރާގެ ގޮނޑި (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)އަށް ވާދަކުރެއްވި އާއިޝަތު ޢަބްދުލް ޣަފޫރާއި ޝީޒާ އިބްރާހީމްގެ މެދުގައެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި، ބޮޑެތި ސިޓީކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދި އިރު، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް