Post banner
ރާއްޖެ

މަހުދީގެ މަރުގެ ސެޓިފިކެޓް އިސްލާޙް ކުރަންޖެހޭއިރު، އެސެޓްފިކެޓްެ ގަޑި އަދި ފޯނުވެސް އާއިލާއަށް ނުލިބޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަހުދީގެ މަރުގެ ސެޓިފިކެޓް އިސްލާޙް ކުރަންޖެހޭއިރު، އެސެޓްފިކެޓްެ ގަޑި އަދި ފޯނުވެސް އާއިލާއަށް ނުލިބޭ

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ---

މީގެ ތިން މަސްކުރިން ވ. އަތޮޅުގެ ހޮހޮޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގެ އޮޕަރޭޝަނެއްގައި ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ އިސްލާޙްކުރަންޖެހޭ މަރުގެ ސެޓިފިކެޓާއި ފޯނު އަދި ގަޑިވެސް ލިބިފައިނުވާ މައްސަލައާއި ގުޅިގެން އާއިލާއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.  

މަހުދީގެ އާއިލާގެ މީހަކާއި ހަވާލާދީ ސޯޝަލް މީޑިއާގައި މިދުއަމް ސައޫދް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝަހީދު މަހުދީގެ މަރުގެ ސެޓިފިކެޓްގައި އޭނާ އަކީ "ރެސްކިއުޑް" މީހެއްގެ ގޮތުގައި ލިޔެފައި އޮތުމަކީ ހަގީގަތާއި ހިލާފުވާހަކައެއް ކަމަށެވެ. ސަބަބަކީ، މަހުދީ ހޮހޮޅައިން ނެގިއިރުވެސް އޭނާ އޮތީ ނިޔާވެފައެވެ. އަދި މަހުދީ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަރުގެ ސެޓިފިކެޓް އިސްލާހުކޮށްދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް، މިހާތަނަށް އެކަން އިސްލާހުކޮށްދީފައިނުވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި މަރުގެ ސެޓިފިކެޓް އިސްލާޙް ނުކުރާތީ، މަރުވި ފަރާތާއި ގުޅޭ މަދަނީ އަދި ތަރިކައާއި ގުޅޭ އިޖްރާއަތްތައް ފުރިހަމަކުރުމުގައި ހުރަސް އެޅިފައިވާކަން އާއިލާއިން ހާމަކުރިއެވެ. އަދި ނުދެއްކި ހުރި ލޯނު ރީޕޭމެންޓްތަކާއި ގުޅިގެން ބޭންކުން ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާއިރު، އާއިލާއަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ހޮހޮޅައަށް ފީނި ވަގުތު މަހުދީ އަޅައިގެން ހުރި "ޖާރމިން އެމް ކޭ 3 އައި" ޑައިވް ގަޑިއަކީ އޭނާގެ ފޯނާއި ގުޅިފައިވާ އެއްޗެކެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި މަހުދީގެ ފޯނުގެ ޕާސްވޯޑު ދިނުމަށް އެމްއެންޑީއެފްގެ އެދުމަށް މަހުދީގެ އާއިލާއިން އެއްބަސްވީ އާއިލާގެ ހާޒިރުގައި ޑައިވް ލޮގް ޑައުންލޯޑުކުރުމަށް ޝަރުތުކޮށްފައެވެ. އަދި މިހާރު މި ގަޑި ތަހުގީގުކުރާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އޮންނަތާ މަސްތަކެއްވެފައިވާއިރު، ޕާސްވޯޑު ހޯދުމަށްވެސް އާއިލާއަށް އެއްވެސް ފަރާތަކުން ނުގުޅާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް އެކަމުގައި ސުވާލު އުފައްދަމުން ދަނިކޮށް، މަހުދީ ނިޔާވި މައްސަލަ ތަޙްޤީގު ކުރަމުންދާކަމުގައި ފުލުހުން ހާމަކުރީ އޭގެ 4 ދުވަސް ފަހު، 2026 މެއި 20 ވަނަ ދުވަހުގައެވެ. އެދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ.

ފުލުހުން މަހުދީ ނިޔާވި ހާދިސާ ތަޙްޤީޤުކުރަމުންދަނީ، " އެއްވެސް ފަރާތަކުން ހުށައަޅައިގެންތޯ ނުވަތަ ޕީޖީން އަންގަވައިގެންތޯ ނުވަތަ އެހެންވެސް ހާދިސާތައް ތަޙްޤީޤުކުރާ ފަދައިން އާއްމު އުސޫލެއްގެ ގޮތުން ފުލުހުންގެ އަމިއްލަ އިސްނެގުމުގައިތޯ" ރައްޔިތުންގެ ނޫހުގެ ފަރާތުން ކުރި ސުވާލުގެ ޖަވާބުގައި އެދުވަހު ފުލުހުން ވިދާޅުވީ، "މީހަކު ނިޔާވުމުގެ ކޮންމެ ހާދިސާއަކީ ވެސް ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ މަތިން ތަހުގީގު ކުރެވޭ ކަންކަން" ކަމަށެވެ. "އެގޮތުން، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަނީ ބަލަން ފަށައިފައި" ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭގެ ފަހުން، އެ ތަޙްޤީޤާއި ގުޅޭ ގޮތުން، މީޑިއާތަކުން ފާއިތުވި 2 ހަފްތާގެ ތެރޭގައި ކޮށްފައިވާ އެއްވެސް ސުވާލަކަށް ފުލުހުންގެ އިދާރާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ތަކުރާރުކޮށް ނޫސްވެރިން އެ ތަޙްޤީޤާއި ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް އެސުވާލުތަކަށް ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވީ، އެކަށީގެންވާ ވަޞީލަތާއި ތަކެތި ނެތި، 58 މީޓަރު ފުނުގައިވާ، ހޮހަޅައަށް ފީނުމުގެ ތެރޭގައެވެ. މަހުދީ ނިޔާވީ، ހާލުދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމުގައި، އެމްއެންޑީއެފުން ބުނެފައި ވީނަމަވެސް، އެއީ އެމްއެންޑީއެފުން ހަދާފައިވާ "ދޮގެއް"ކަމުގައި ވަނީ ބެލެވިފައެވެ. އެހެން ހާދިސާތަކުގައި މީހުންގެ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަން ނުވަތަ ނޫންކަން، ހޮސްޕިޓަލުން މީޑިއާތަކަށް ޔަޤީންކޮށްދޭއިރު، މަހުދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިތޯ ނުވަތަ ނޫންތޯ ހޮސްޕިޓަލަށް ހުށައެޅި ސުވާލަށް އޭޑީކޭ ހޮސްޕިޓަލުންވެސް ޖަވާބެއް ނުދިނެއެވެ.

އެކަށީގެންވާ ވަޞީލަތްތައް ނެތި، އެމްއެންޑީއެފްގެ އެ އޮޕަރޭޝަން ހިންގާފައި ވަނީ، ޑައިވަރުން ނުރައްކަލަށް ހުށައަޅައިގެން ކަމުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރޖެނެރަލް މުޙައްމަދު ސަލީމް، 15 މެއި 2026 ވަނަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވި ހާދިސާ ހިނގައިދިޔަގޮތުގެ މައުލޫމާތު އެމްއެންޑީއެފުންނާއި ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް