ލޯންޗް ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާ މޮޓޯ ސްޕޯރޓްސްގައި މަޝްހޫރު ހަރީ ސިންގް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ޖިޕްސީ ކިންގް" ގެ ނަމުން އިންޑިއާއަށް މަޝްހޫރު ހަރީ ސިންގްއަކީ 1990 ވަނަ އަހަރުން ފެށިގެން އެ ދާއިރާއަށް ހިދުމަތްކޮށްދިން ހިދުމަތްތެރިއެއް
ބުރާސްފަތި ދުވަހުގެ ރޭ ވ. ފެލިދޫ ކައިރިން ބާރު ސްޕީޑެއްގައި ދުއްވި ލޯންޗުގައި ކަނޑުވި ދެ މީހުންގެ ތެރެއިން އެކަކަކީ އިންޑީއާގެ މޮޓޯ ސްޕޯރޓްސްގައި މަޝްހޫރު ހަރީ ސިންގ ކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ޖިޕްސީ ކިންގް" ގެ ނަމުން އިންޑިއާއަށް މަޝްހޫރު ހަރީ ސިންގްއަކީ 1990 ވަނަ އަހަރުން ފެށިގެން އެ ދާއިރާއަށް ހިދުމަތްކޮށްދިން ހިދުމަތްތެރިއެކެވެ. އަދި އޭނާއަކީ ރޭސީންއަށް ލޯބިކުރާ ފަރާތެކެވެ.
މި ހާދިސާގައި ކަނޑުވި ދެވަނަ މީހާގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު އެކްސިޑެންޓް ހިނގިއިރު އޭގައި 7 މީހުން ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތު އަންހެނަކާއި ރަޝިޔާ އަންހެނަކާއި އިންޑިއާގެ 5 ފިރިހެނުންނެވެ.
ބާރު ސްޕީޑުގައި ދުއްވި ލޯންޗުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނީ ރަޝިޔާ އަންހެންމީހާ އާއި އިންޑިއާގެ 4 ފިރިހެނުންނެވެ. އެމީހުންގެ ތެރެއިން ނުފެންނަނީ ހަރީ ސިންގ ހިމެނޭހެން އިންޑީއާގެ އިތުރު ފިރިހެނެކެވެ.
މި ހާދިސާގައި ގެއްލުނު ދެ މީހުން ފެނުމުގެ ކުރިން ލޯންޗުގައި ދުއްވަން އިން ކަމަށް މައުލޫމާތު ލިބިފައިވާ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ވަނީ ރާއްޖެއިން ފުރާފައެވެ. ގޯތަމް އަށް ވެސް ވަނީ ހަށިގަނޑުގެ ހަ ތަނަކަށް ސީރިއަސް ނޫން އަނިޔާ ލިބިފައެވެ.
ޓައިމްސް އޮފް އިންޑީއާއިން ވަނީ ގޯތަމްގެ ތަރުޖަމާނާ ހަވާލާދީ އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް ބުނެފައެވެ. އަދި މުމްބާއީގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ހާމަކޮށްފައެވެ.
މިހާދިސާ ހިނގީ އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވި އެ ލޯންޗު ބާންޏެއްގައި ޖެހި އޭގައި ތިބި ބައެއް މީހުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓިގެން ކަމުގައި ވަނީ ބެލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް