ރާއްޖެ

ވަޒީފާދޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޒީފާދޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވަޒީފާ ދިނުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވުޒާރާތަކަށް މީހުން ޢައްޔަންކުރުމުގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތްތަނުގައި ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭ ކަމަށެވެ.

"އެއްވެސް ފަރާތަކަށް، މީ، ކެމްޕޭނަކާއި ގުޅިގެން ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން، މިޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން. އިނގޭތޯ؟ ދެންމެ މިދެންނެވިހެން އިއުލާނު ކުރެވިގެން، ކުރިމަތިލައިގެން އެމީހާގެ ސީވީއަށް ބަލައި މެރިޓް ބޭސްކޮށް ނޫނިއްޔާ، ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެއުސޫލު ދެން މި ސަރުކާރުން ކުރިޔަށް ގެންދާނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނުގަވައިދުން ނުވަތަ ޤަވާއިދާއި ޚިލާފަށް މީހަކަށް ވަޒީފާއެއްދީފައި ވާނަމަ އެމީހަކު ވަކިކުރަންވެސް ވާނީ ދަންނަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެހެން ޢައްޔަންކުރައްވަން ޖެހިވަޑައިގެންފި ޙާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭ ކަމަށެވެ.

މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މަޤާމުތަކުގައި ތަޢުލީމީ ފެންވަރުނެތް އަދި ޤާބިލް ނޫން މީހުން ތިބިކަމަށް ބުނެ، މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އާއްމުންނާއި ސިޔާސީ މީހުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް