Post banner
ދުނިޔެ

އެންމެ ހަގު އުމުރުގައި ރަސްކަމަށް އިސްކުރެވުނު ރަސްގެފާނު އަވަހާރަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންމެ ހަގު އުމުރުގައި ރަސްކަމަށް އިސްކުރެވުނު ރަސްގެފާނު އަވަހާރަވެއްޖެ

ރަސްގެފާނު އޮޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކިޑީ(4 ވަނަ) --

ޔޫގެންޑާގައި ހިނގަމުން އަންނަ ޘަޤާފީ ރަސްކަމުގެ ތަޚުތުގައި އިންނެވި، ރަސްގެފާނު އޮޔޯ ނިއިމްބާ އަވަހާރަވެއްޖެއެވެ.

އުމުރުން އެންމެ 3 އަހަރުގައި، ޔޫގެންޑާގެ ޓޫރޯ ސަރަހައްދުގެ ރަސްކަމަށް އިސްކުރެވުނު، އޮޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކިޑީ(4 ވަނަ) އަވަހާރަވީ، އުމުރުން 34 އަހަރުފުޅުގައެވެ. އަވަހާރަވިއިރު އޭނާގެ ރަސްކަމަށް ވަނީ 31 އަހަރު ވެފައެވެ.

ޔޫގެންޑާގެ ބޮޑުވަޒީރު ވަނީ، ޓޫރޯ ސަރަހައްދުގެ ރަސްގެފާނު އަވަހާރަވިކަން ރަސްމީކޮށް ޢިއުލާނުކުރައްވާފައެވެ. އެހެން ނަމަވެސް ނުހަނު ޒުވާން އުމުރުފުޅުގައި ރަސްގެފާނު އަވަހާރަވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓޫރޯގެ ރަސްކަމުގެ ދަށުގައި ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ތިބި އިރު، ރަސްގެފާނު އޮޔޯ ނިއިމްބާ ރަސްކަމަށް އިސްކުރެވުނީ، 1995 ވަނަ އަހަރު، އޭރު ރަސްކަމުގައި ހުންނެވި، އެރަސްގެފާނުގެ ބައްޕާފުޅު އަވަހާރަވުމުންނެވެ. އުމުރުން 3 އަހަރުފުޅުގައި އޭނާ ރަސްކަމަށް އިސްކުރެވުނު ނަމަވެސް، ރަސްކަމުގެ ޒިންމާތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ، އުމުރުފުޅުން 18 އަހަރުފުޅުގައެވެ. އެހާތަނަށް އެރަސްކަމުގެ ހުރިހާ ކަމެއް ހިންގަވަމުން ގެންދެވީ، އޮޔޯ ނިއިމްބާގެ މަންމާފުޅެވެ.

އުމުރުން 34 އަހަރުފުޅުގައި، ރަސްގެފާނު އޮޔޯ ނިއިމްބާ އަވަހާރަވިއިރު، އޭނާގެ ކައިވެންޏެއް ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ވިރާސީ ރަސްކަމުގެ ސިލްސިލާގައި ދެން ރަސްކަމުގެ ތަޚުތަށް އިސްކުރާނޭ ބޭފުޅަކު ކަނޑައަޅާނީ، އެރަސްކަމުގެ ޘަޤާފީ އާދަކާދަތަކާއި އެގޮތަށް، އެކަމަށް އެކުލަވާލާފައިވާ ކައުންސިލުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް