ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިރޭ އަލަށް ގެނެސްދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޤާއިމްކުރާ މި އޮފީހުގެ މަސައްކަތްތައް ފަށައިގަތުމުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރެއްވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަަލަށް ޝަކުވާތަކުގެ އަޑު އެހުމަށް އޮފީހެއް ޤާއިމްކުރައްވާއިރު، ސަރުކާރުގެ އިދާރީ ހިންގުންތަކާއި އަދި ނިޒާމުތަކުގައި ހުރި ރައްޔިތުން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް