ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރަން މިހާތަނަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލްދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހަރަކާތްތެރިވަނީ ---- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރަން މިހާތަނަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލްދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުގެ ނޫސްވެރިޔަކު އެދުނީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކުރެވިފައިވާ ތަމްރީންތަކާއި، އިތުރުކުރެވިފައިވާ އުޅަނދުތަކާ ވަސީލަތްތަކުގެ ތަފްސީލުގެ އިތުރުން ހަރަދުވި މިންވަރު ބަޔާންކޮށްދިނުމަށެވެ.
ނަމަވެސް، ފަޔަރ އެންޑް ރެސްކިއުގެ ކަންކަމަށް ޚަރަދު ކުރަނީ އެމްއެންޑީއެފްގެ ބަޖެޓްގެ ތެރެއިން ކަމަށާއި، އެމްއެންޑީއެފަށް ލިބޭ ބަޖެޓް، ފިނޭންސް މިނިސްޓްރީން އާންމުކުރާ ބަޖެޓާ ބެހޭ މައުލޫމާތުގައި ހިމަނާފައިވާނެކަމަށް ބުނެ، ބަޖެޓުގެ ފުރިހަމަ ތަފްސީލްދިނުމަށް ދިފާއީ ވުޒާރާއިން ވަނީ ދެކޮޅު ހަދާފައެވެ.
ދިފާޢީ ވުޒާރާއަށް މިކަމުގެ މައުލޫމާތު ހޯދަން ހުށައެޅީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2025 އަހަރުގެ މެއި މަހު ނޫސްވެރިންނާއެކު ބޭއްވި 14 ގަޑީއިރުގެ ދިގު ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ނެތްކަމަށް ވިދާޅުވުމުންނެވެ.
"މިސާލަކަށް ވަރަށް އުސް އިމާރާތްތައް އެބަހުރޭ 25 ބުރީގެ، މިއިން ތަނެއްގައި ކަމެއް ހިނގައިފިއްޔާ އިރާދަކުރެއްވިއްޔާ ނުހިނގާނެ، އަޅުގަނޑުމެންގެ ދުއާއަކީ އެއީ، އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނެތް، ހުރިހާ ބޭފުޅުންނަށް ވެސް އިނގޭނެ. އެމްއެންޑީއެފްގައި މިއަދާ ހަމައަށް ނެތްކަން. ދެން ހަމަ މިގޮތަށް ބަލަންޏާ ފަޔަރ އެންޑް ރެސްކިއު ސާރވިސަސް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދުވަހު ވިދާޅުވިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ މޮނީޓަރ ކުރަނީ އަލިފާނުގެ ހާދިސާތަކާއި އަލިފާނާއި ގުޅުންހުރި ކަންކަމެވެ. މިގޮތުން ފާއިތުވެދިޔަ އަހަރު 118 އަށް ގުޅާ އަލިފާން، ހެޒްމެޓް، އަދި ރެސްކިއުއާ ގުޅުން ހުރި ހާދިސާތަކަށް ވަގުތުން އެޓެންޑްކުރެވިފައިވާކަމަށް ދިފާއި ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް، ހާދިސާތަކުގެ އަދަދާއި ވަކި ވަކި ތަފާސްހިސާބު ފޯރުކޮށްދީފައެއް ނުވެއެވެ.
ދިފާއީ ވުޒާރާއިން ހާމަކުރިގޮތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ޖުމްލަ 92 ފަޔަރ ފައިޓަރުންވަނީ ފަޔަރ އެންޑް ރެސްކިއު ތަމްރީނުތަކުގައި ބައިވެރިވެ ތަމްރީންވެފައެވެ. އެއީ ރާއްޖެއިން ބޭރުން 71 ފަޔަރ ފައިޓަރުންނާއި ރާއްޖޭގައި 21 ފަޔަރ ފައިޓަރުންނެވެ.
މީގެއިތުރުން، އާންމުންނަށް އަމާޒުކޮށް 97 ޕްރޮގްރާމެއް ހިންގާ، 14،201 ފަރާތަކަށް އަލިފާނުން ރައްކާތެރިވުމުގެ މައުލޫމާތުދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރިސޯޓްތަކާއި މުއްސަސާތަކަށް އަމާޒުކޮށްގެން 60 ތަމްރީން ޕްރޮގްރާމް ދެވިފައިވާކަމަށް ހާމަކުރިއެވެ.
ވޭތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް 13 ފަޔަރ ފައިޓަރުން އިތުރުކޮށްފައިވާކަމަށް އާރްޓީއައިގެ ޖަވާބުގައި މިނިސްޓްރީން ހާމަކުރިއެވެ.
އަދި ކ. މާފުއްޓާއި އަދި. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމްކޮށް، އަލިފާން ނިއްވުމުގެ ހިދުމަތް ފަށާފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.
މީގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ 115 އަލިފާން ނިއްވާ ހޮޅިއާއި، 16 ފެން ހިއްކާ ޕަންޕާއި، 20 ފޯމް ބެރަލްގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ 30 ބްރާންޗް ހޯދިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މިހާތަނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު ގްރޭޓަރ މާލެ ސަރަހައްދުގައި ކެމިކަލް ރައްކާކޮށް ވިޔަފާރިކުރާ ތަންތަނާއި ފަސޭހައިން އަލިފާން ރޯވާ ބާވަތުގެ ތަކެތި ހުރިތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމަށް ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 605 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އަދި މިހުރިހާކަމަށް ހަރަދުކުރަނީ އެމްއެންޑީއެފްގެ ބަޖެޓުން ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.
އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ހަދާ ހުރިހާ އިމާރާތްތަކަކީ އަލިފާނުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ އިމާރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިމާރާތްތަކުގެ ކުރެހުން ބަލާ ފާސްކުރުމާއި، ކުރެހުމާއި އެއްގޮތައް އަލިފާން ރައްކާތެރިކޮށްދޭ އާލާތްތައް ހުރިތޯ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ބަލައެވެ.
އަދި މިފަދަ ނިޒާމްތައް ގާއިމްކުރުމުގެ މަސައްކަތް ނިމުމުން ބަލާފާސްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަރާތައް އެންގުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ދިފާއީ ވުޒާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، އަލިފާނުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމަށް ރައްޔިތުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ފަޔަރ ޕްރިވެންޝަން ހަރަކާތްތަކަށް ވެސް ފުޅާ ދާއިރާއެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާކަމަށް އާރްޓީއައިގެ ޖަވާބުގައި ބުނެފައިވެއެވެ.
އަދި ހުޅުމާލޭގައި ހިނގާ އެކިއެކި ހާދިސާތަކަށް ފަޔަރ އިމަޖެންސީ ނަމްބަރު 118 އަށް ލިބޭ ކޯލްތަކަށް ވަގުތުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދޭކަމަށް ހާމަކޮށްފައިވެއެވެ.
މީގެތެރޭގައި އަލިފާނުގެ ހާދިސާތަކާއި ކައްކާ ގޭސް ލީކުވުމުގެ ހާދިސާތަކާއި ލިފްޓްގައި މީހުން ތާށިވުމާއި، ކޮޓަރީގައި ކުޑަކުދިން ތާށިވެގެން، ބަލި މީހުން އެޕާޓްމެންޓްތަކުން ތިރިއަށް ބާލައިދިނުމުގެ ގޮތުން ހަރަކާތްތެރިވެފައިވާ ހާދިސާތައް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ހާދިސާތަކުގެ ތަފާސްހިސާބުތައް އަދަދުތަކުން ފެންނާނެ ގޮތަށް މިނިސްޓްރީއިން ބަޔާންކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ ބަޖެޓަށް ބަލާލާއިރު 2024 ވަނަ އަހަރު ކަނޑައެޅި ބަޖެޓަކީ 2.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 2025 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، 2026 ވަނަ އަހަރަށް ވަނީ 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މިއީ މިދިޔަ ދެ އަހަރާ އަޅާކިޔާއިރު، ޖުމްލަ 329 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ބަޖެޓަށް ބަލާލާއިރު 2024 ވަނަ އަހަރު ކަނޑައަޅާފައިވަނީ 74 މިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރު 78.1 މިލިއަން ކަނޑައަޅާފައިވާއިރު، މިއަހަރަށް ވަނީ 123.5 މިލިއަން ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު ޖުމްލަ 58 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ބަޖެޓް އިތުރަށް ދިރާސާކުރާއިރު ބަޖެޓުގެ 15.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ 10 ފަޔަރ ސްޓޭޝަން އިމާރާތްކުރުމަށް ކަން ހާމަވެއެވެ. އަދި އެމަޖެންސީ ސާރވިސަސްއަށް 25 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބާކީ އޮތް 82.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް