Post banner
ރާއްޖެ

ކޭޝް ކާޑެއް ގޮތަށް އައިޑީ ކާޑު ބޭނުން ކުރެވޭ ގޮތް ހައްދަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޭޝް ކާޑެއް ގޮތަށް އައިޑީ ކާޑު ބޭނުން ކުރެވޭ ގޮތް ހައްދަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި ސްމާޓް އައިޑީކާޑު ތަޢާރަފްކޮށް، އެ އައިޑީކާޑު ކޭޝްކާޑެކޭ އެއްގޮތަށް، ފައިސާ ދެއްކުމަށް ބޭނުން ކުރެވޭނެ ގޮތް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ، ނޭޝަން ޗެޓް ޕޮޑްކާސްޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން ކުރިޔަށް އޮތް ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި ޙާސިލް ކުރެއްވޭނެ ކަމަށާއި، އެއީ މޯލްޑިވްސް 2.0ގެ ދަށުން އެކި ދާއިރާތައް ޑިޖިޓަލްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢާރަފްކުރައްވަން ގަސްދު ކުރައްވާ ކާޑަކީ، ފިޒިކަލް އައިޑީކާޑެއް ކަމަށާއި އެހެން ނަމަވެސް އެކާޑަކީ ސްމާޓްކާޑަކަށް ވާނެ ކަމަށެވެ. އަދި އެކާޑު ބޭނުންކޮށްގެން ޚިދުމަތްތައް ހޯދައި އަދި މުދަލާއި ޚިދުމަތްތަކަށް އަގުދެއްކުން ފަދަ ހުރިހާ ކަމެއްވެސް ކުރެއްވޭނެ ކަމުގައި ވިދާޅުވިއެވެ.

އަދި އެޕްރޮގްރާމްގެ ތެރޭގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، ކުންފުނިތަކާއި، ބޭންކްތައްވެސް ހިމެނޭ ގޮތުން އެއްވެސް ތަނެއް އިސްތިސްނާ ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަކީ، މިސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެކެވެ. އަދި އެ އަމާޒަށް ވާޞިލްވުމަށްޓަކައި އެކަމާއި ގުޅޭ ޚާއްޞަ ޤާނޫނެއްވެސް ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް