ވިކުރާ

ފަތުރުވެރިން ނުފުރި ތާށިވި ދަނޑިވަޅު ރޫމުތައް ވިއްކާ އަގު ދެގުނަ ބޮޑުކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަތުރުވެރިން ނުފުރި ތާށިވި ދަނޑިވަޅު ރޫމުތައް ވިއްކާ އަގު ދެގުނަ ބޮޑުކޮށްލައިފި

ފަތުރުވެރިންތަކެއް ހުޅުމާލެ ގޮނޑުދޮށުގައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން، ރާއްޖެއިން ނުފުރި ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖޭގައި ތާށިވި މިދަނޑިވަޅުގައި، ގެސްޓް ހައުސްތަކުން ކޮޓަރި ވިއްކާ އަގުތައް ދެގުނަ ބޮޑުކޮށްލައިފިއެވެ.

ރައްޔިތުންގެ ނޫހާއި ހުޅުމާލެއިން ވާހަކަ ދެއްކި ބައެއް ފަތުރުވެރިއަކު ބުނީ، އޭނާގެ އާއިލާއަށްވެސް ގެސްޓު ހައުސްއަކުން އެންމެ ކޮޓަރިއެއް ލިބުނީ ރެއަކަށް 200 ޑޮލަރަށް ކަމަށެވެ. އެއީ ވަރަށް ބޮޑު އަގެއްކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ، ގެސްޓްހައުސްތަކުން އަގުހެޔޮ ރޫމެއް ލިބުން ވަރަށް ދަތިކަމަށާއި ހުރިހާތަނަކުންވެސް އެތަންތަން ފުލްކަމަށް ބުނާ ކަމަށެވެ. މި ދެ ދުވަހުވެސް ހުޅުމާލެއިން ގެސްޓްރޫމުތައް ނުލިބިގެން އުޅޭ ފަތުރުވެރިންނާއި ދިމާވެފައި ވެއެވެ.

އިނަމޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤުވެސް ވަނީ މިކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޙިއްޞާކުރައްވާފައެވެ. ފިރާޤު ވިދާޅުވީ، ރާއްޖޭގައި ނުފުރި ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވިއިރު، ޚާއްޞަ ރޭޓެއް ތަޢާރަފްކޮށް ފަތުރުވެރިންނަށް އިތުރަށް ތިބެވޭނެ ގޮތް ހަދައި ދިނުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޤަދަރުވެސް ހިފެހެއްޓޭނެ ކަމަކަށްވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެހެން މީހަކުވެސް ބުނެފައި ވަނީ، ގެސްޓުހައުސްތަކުން އެވްރެޖްކޮށް 70 ޑޮލަރަށް ކުރިން ވިއްކަމުން އައި ރޫމުތައް، މިހާރު 250 ޑޮލަރާއި ހަމައަށް އަގުބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިއީ އެހެން ގޮތެއް ނެތި ރާއްޖޭގައި ތާށިވި ފަތުރުވެރިންނާއި މެދު ޢަމަލު ކުރެވޭ ވަރަށް އިހާނެތި ގޮތެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާނެކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ހަނގުރާމަ ފެށުމާއި ގުޅިގެން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ނުފުރިތާށިވެފައި ތިބި އިރު، އެހެން ރޫޓުތަކުން ޤައުމަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ރައްޔިތުންގެ ނޫހާއި ވާހަކަދެއްކި ފަތުރުވެރިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް