އައްޑިހަ މީޓަރު ފުންވަޅަށް ވެއްޓުނު ކުއްޖާ ހަތަރު ދުވަހުގެ މަސައްކަތުން ނެގުނު އިރު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލްޖީރިއާގެ އަލް ބަޔާދު ޕްރޮވިންސްގެ ރެކްނާ ވިލެޖްގައި ހުރި 80 މީޓަރު ފުން ވަޅަކަށް ވެއްޓުނު 10 އަހަރުގެ ކުއްޖާ ސަލާމަތް ކުރަން، ސިވިލް ޑިފެންސް ޓީމުތަކުން ހަތަރު ދުވަސް ވާންދެން ކުރި މަސައްކަތުން އެކުއްޖާ އާއި ހަމައަށް ވާޞިލް ވެވުނު އިރު އެކުއްޖާ ނިޔާވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު، އަލްޖީރިއާގެ އުމުރުން 10 އަހަރުގެ އައްޔޫބު މުޙައްމަދު ފާއިދު، އެވަޅަށް ވެއްޓުނީ، ގެއަށް އައި މަގުމަތީގައި އެވަޅުގެ ލަކުޑި މަތިގަނޑުމައްޗަށް އެރި، އެމަތިގަނޑު ހަލާކުވެގެންނެވެ. އެއީ، ފުޅާމިނުގައި ކިރިޔާ ފޫޓެއް ހަމަވާވަރުގެ އައްޑިހަ މީޓަރު ފުނަށް ކޮނެފައި ހުރި، ފެން ނެތް ހަނި ވަޅެކެވެ.
އަލްޖީރިއާގެ އެ ކުޑަކުއްޖާ އައްޔޫބު އެވަޅަށް ވެއްޓިފައިވާކަން އެނގުނީ އޭނާގެ ބައްޕައަށް، ވަޅުގެ ތެރެއިން އެކުއްޖާ ގޮވާއަޑު އިވުމުންނެވެ. ސިވިލް ޑިފެންސް އަދި ރެސްކިއު ޓީމުތަކުން ވަނީ އެވަގުތުން ފެށިގެން އެކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތްފަށާފައެވެ. އެހެން ނަމަވެސް އެއީ އާދަޔާ ޚިިލާފު ހަނިވަޅަކަށްވުމުން ދެވަނަ މީހަކު އެވަޅުގެ ތެރެއަށް ފައިބައިގެން ކުއްޖާ ނެގޭނެ ގޮތެއް ނެތުމުން، އެވަޅާއި ގާތުން އިތުރު ބޮޑު ވަޅުގަނޑެއް ކޮނެގެން އެހިސާބަށް ވާސިލްވުމަށް 4 ދުވަސް ހޭދަވިއެވެ.


ކުއްޖާ އޮތް ހިސާބު ހޯދައި އަޑިން ކޮނެގެން ކުއްޖާ ނެގުންވީ، ސިވިލް ޑިފެންސް ޓީމުތަކަށް ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. އެންމެ ފަހުން، ބިމުގެ އަޑިން ކޮނެގެން އެންމެ ފަހުން ހޮނިހިރު ދުވަހު އެކުއްޖާ ނެގުނު އިރު، އޮތީ ނިޔާވެފައި ކަމުގައި، އަލްޖީރިއާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް