ވިލިމާލޭގެ ފުނަވަލުގައިވާ ބިޔަ ގަސްތައް ނުކެނޑުމުގެ ކްރެޑިޓް ސަރުކާރުން ނަގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދަ ޕަލްސްގެ ފުރަތަމަ އެޕިސޯޑު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވިލިމާލޭގެ ފުނަވާ ސަރަހައްދުގައިވާ ބިޔަ ގަސްތައް ނުކެނޑީ މި ސަރުކާރުން ތިމާވެއްޓަށް އިސްކަންދޭތީކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކަވާ އެ ކަމުގެ ކްރެޑިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނަންގަވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން އާއިއެކު ފެއްޓެވި އައު ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ޕަލްސް" ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މި ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ތިމާވެއްޓެވެ.
ވިލިމާލޭގައި ޖުމްލަ 3،000 އަށް ވުރެއް ގިނަ ހައުސިންގ ޔުނިޓު ވިލިމާލޭގެ ފުނަވާ ސަރަހައްދުގައިވާ ބިޔަ ގަސްތައް ކަނޑައިގެން އެޅުމަށް މީގެ ކުރިން ސަރުކާރުން ނިންމިއެވެ. ނަމަވެސް، ޖަމްއިއްޔާ ޖަމާއަތްތަކާއި ގިނަ ރައްޔިތުންގެ ނުރުހުން ސަރުކާރުގެ މި ނިންމުމަށް އަމާޒުވިއެވެ.
ވިލިމާލޭގެ ހައުސިން ޕްރޮޖެކްޓްގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަލްސް ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް ފުނަވާ ސަރަހައްދުގައި ހުރި ބިޔަ ގަސްތައް ނުނެގުމަށް އިސްކަންދީފައިވާކަމަށެވެ.
އަދި މިކަމާ ގުޅިގެން ޕްރޮޖެކްޓް ހިންގާ ސަރަހައްދަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފުނަވާ ސަރަހައްދު ހިމާޔަތްކުރަން ޒުވާނުންނާއި، ޖަމްއިއްޔާތަކާއި ތިމާވެއްޓަށް ޝައުގުވެރިވާ ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކުރައްވާފައެއް ނުވެއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މި ދޭތެރެއިން ވިލިމާލޭގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގުމަށް އަޅުގަނޑުމެން ހަމަ ވަރަށް އިސްކަންދީފަ އެ އޮތީ އެ ތަނުގައި ހުރި ބޮޑު ގަސްތައް ނުނަގާ ވޭތޯ.. އެހެންވީމާ ގަސްތައް ޕްރޮޖެކްޓް ހިންގާ ސަރަހައްދަށް ވެސް އެވަނީ ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެނެސްފަ.. ނޫނީ ކޮންމެވެސް ގޮތަކަށް އެޖަސްޓްމެންޓްތައް އަޅުގަނޑުމެން ހަދާފަ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވިލިމާލެއަކީ އަބަދުވެސް ފެހިތަނެއްގެ ގޮތުގައި ބާއްވަންކަމަށެވެ. އަދި މާލެ ސަރަހައްދުގައި އެފަދަ ތަނެއް އޮތުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.
ވިލިމާލޭގެ ފުނަވާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ޖަމްއިއްޔާތަކުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން އެ ސަރަހައްދުގައި ސައްލާތައް ބޭއްވުމުގެ އިތުރުން، ޅެންވެރިން އެއްކޮށްގެން ޅެން ކިޔުމާއި ކުރެހުމުގެ އެކި މައުޒަރުތައް ވެސް ވަނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާފައެވެ.
މީގެ އިތުރުން ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކުރުމަށް ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމް ނަމަކަށް ކިޔާ ދެ ރައްޔިތުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށައަޅާފައެވެ. ނަމަވެސް އެ ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާފައެވެ. ނަމަވެސް ހުމައިދާ ވަނީ މޭ މަހުގެ 18 ވަނަ ދުވަހު ރަޖިސްޓްރާގެ ނިންމުން އަލުން ބެލުމަށް ކޯޓަށް ހުށައަޅާފައެވެ.
ފުނަވަލުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި މެންބަރު މުހައްމަދު އިބްރާހީމް ވަނީ ވިލިމާލެއަކީ ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިއްމު ރައުސްމާލެއްގެ ގޮތުގައި ރައްކާތެރިކުރުމަށް ގޮވާލާފައެވެ.
ފުނަވަލުގެ މައްސަލައާއި ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓް ޕްރޮޖެކްޓު ހިންގުމުގެ ގޮތުން އެ ބިމުގައިވާ ގަސްގަހުގެ ތެރެއިން ކަނޑާނީ ވީހާވެސް މަދު ގަސްތަކެއް ކަމަށެވެ. ނަމަވެސް މިއީ މި މައްސަލައަށް އޮތް ފުރިހަމަ ހައްލެއްކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ވިލިމާލޭގައި އަލުން މީހުން އާބަދުވީ 1995 އާއި 1996 އާއި ދެމެދުގައެވެ. އޭގެކުރިން ވިލިމާލެއަކީ ރިސޯޓެކެވެ. އަދި ރައީސް ނާސިރު ޒަމާނުގައި ޖަލެކެވެ. އެ ޒަމާނުގައި ޖަލުގައި އުޅުނު ގައިދީންލައްވާ ތަފާތު މަސައްކަތްތައް ކުރުވިއެވެ. ކާށި ހޮވުމާއި ކާށި ހެހެން ޖެއްސުމާއި، ހިއްތަލަ ކޮންނަން ޖެއްސުމާއި، ގާ ތަޅަން ޖެއްސުން ފަދަ ކަންކަމަކީ އޭރު އެ ޖަލުގައި އަދަބު ތަންފީޒުކުރަމުންދިޔަ ގައިދީއިން ކުރި މަސައްކަތްތައްކަން ތާރީހީ ބައެއް ލިޔެކިޔުންތަކުން ކޮންމެވެސް ވަރަކަށް އެނގެއެވެ.
އެހެންކަމުން ވިލިމާލޭގައި ހުރި ފުނަ ގަސްތަކަކީ އެ ރަށް ޖަލެއްގެ ގޮތުގައި ބޭނުންކުރެވުނު ދުވަސްވަރު ގައިދީންލައްވާ އިންދި ގަސްތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. އާންމުކޮށް ފުނަ ގަސްތައް ހެދެނީ ގޮނޑުދަށުގައެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ފުނަ ގަސްތައް ހެދިފައިހުރީ ވެސް ގޮނޑުދަށުގައެވެ. ނަމަވެސް ވިލިމާލޭގައި ހުރި ފުނަ ގަސްތަކަކީ އާދަޔާހިލާފަށް އެއްގަމުގައި ފީނިފީއްޔަށް ހެދިފައިވާ ގަސްގަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް