Post banner
ދުނިޔެ

މެލޭޝިއާ އެއާލައިންގެ ޕައިލެޓަކު 26 ކިލޯގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެލޭޝިއާ އެއާލައިންގެ ޕައިލެޓަކު 26 ކިލޯގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފި

މެލޭޝިއާގެ ކުއާލަލަމްޕޫރުން ފުރައިގެން، އިންޑޮނީޝިޔާގެ ޖަކާޓާއަށް ދިޔަ، މެލޭޝިއާ އެއާލައިން އެމްއެޗް727 ގެ ޕައިލެޓް 26 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ޖަކާޓާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މެލޭޝިއާ އެއާލައިން އެމްއެޗް727 ގެ ޕައިލެޓް ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގައެވެ. އިންޑޮނީޝިއާގެ ފުލުހުންނާއި، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ރައްޔިތެއް ކަމުގައިވާ އެ ޕައިލެޓް ވަނީ، އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ، އެހެން މީހަކަށް އުފުލައިދިން މަސްތުވާތަކެތިކަމަށް ބުނެފައެވެ. އަދި މަސްތުވާތަކެއްޗަށް ޓެސްޓް ކުރި އިރު، ޕައިލެޓްވެސް ކެނަބިހާއި މެތު ބޭނުންކޮށްހުރިކަން ސާބިތުވެފައި ވާކަމަށްވެސް އިންޑޮނީޝިއާގެ ފުލުހުން ވަނީ ބުނެފައެވެ.

ޕައިލެޓާއި ހަވާލާދީ، އިންޑޮނީޝިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި، މެލޭޝިއާއިން ޖަކާޓާއަށް ޕައިލެޓް އެ މަސްތުވާތަކެތި އޭނާގެ ލަގެޖުގައި ގެނެސްދީފައި ވަނީ، 50،000 މެލޭޝިއަން ރިންގިޓް (ގާތްގަނޑަކަށް 11،700 ޑޮލަރު) އަށެވެ. މީގެ ކުރިންވެސް އެގޮތަށް މަސްތުވާތަކެތި އުފުލައިދިންކަމަށް އެ ޕައިލެޓް އިއުތިރާފުވެފައިވާ ކަމުގައިވެސް އިންޑޮނީޝިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އިންޑޮނީޝިއާއަކީ، މަސްތުވާތަކެއްޗާއި ދެކޮޅަށް، ހަރުކަށި އަދަބުތަކެއް ތަންފީޒު ކުރަމުން އަންނަ ޤައުމެކެވެ. އެހެންވެ، އެޕައިލެޓަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ. މި މައްސަލަ ތަޙްޤީޤު ކުރުމުގައި އިންޑޮނީޝިއާގެ ކަމާއި ބެހޭ ފަރާތްތަކަށް އެއްބާރުލުން ދެމުންދާ ކަމުގައި މެލޭޝިއާ އެއާލައިނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް