Post banner
ރާއްޖެ

މައުލޫމާތު ދޭނީ މައުލޫމާތު ހޯދަން ހުށައެޅީ ޞައްްޙަ ނިޔަތެއްގައިތޯ ބަލާފައި ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މައުލޫމާތު ދޭނީ މައުލޫމާތު ހޯދަން ހުށައެޅީ ޞައްްޙަ ނިޔަތެއްގައިތޯ ބަލާފައި ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) --

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށައަޅާ މައުލޫމާތު ދޭނީ، އެމަޢުލޫމާތު ހޯދުމަށް އެދޭ ނިޔަތަށްވެސް ބަލާފައި ކަމުގައި، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، މައުލޫމާތު ހޯދުމަށް ބައެއް ފަރާތްތަކުން ހުށައަޅާއިރު، މައުލޫމާތު ހޯދަން އެދޭ ފަރާތަކީ ކާކުކަން ނުވަތަ ކޮންތަނެއްކަންވެސް ނޭނގޭ ކަމަށެވެ. އަދި ބައެއް ފަހަރު އެއް ކަމަކާއި ގުޅޭ ގޮތުން އެތައް ބައިވަރު ފަރާތްތަކުން މައުލޫމާތު ހޯދުމަށް އާރްޓީއައި ފޯމްތައް ހުށައަޅާ ކަމުގައިވެސް މުންދު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކަމާއި ނުގުޅޭ އިދާރާތަކަށްވެސް އާރްޓީއައިތައް ހުށައަޅާ ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރައްވާ ސުވާލުތަކަށް ޖަވާބު އަރުވާނޭ ކަމަށެވެ.

މުންދު މިހެން ވިދާޅުވި އިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދަން ސަރުކާރުގެ އިދާރާއަކަށް ހުށައަޅާއިރު، އެ މައުލޫމާތަކަށް އެދޭ ފަރާތަކީ، ކާކުކަން ހާމަކުރުން އެއީ ލާޒިމް ކަމެއް ނޫނެވެ. އެއީ މައުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމުގައި ވިދާޅުވެފައެވެ.

ސަރުކާރުން އަންނަނީ ޤާނޫނާއި ޚިލާފަށް މައުލޫމާތު ދިނުން ހިފަހައްޓައި ލަސްކުރަމުންކަން ނޫސްވެރިންނާއި އާއްމު ފަރާތްތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ، މިސަރުކާރުން ހާމަކުރުމަށް އެންމެ ބޮޑަށް ދެކޮޅު ހަދާފައިވާ އެއް މައުލޫމާތަކީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް