މިއަދު ނިޔާވި ދެވަނަ ގައިދީއަކީ ފަސް ދުވަސްކުރިން 25 އަހަރަށް ޖަލަށް ހުކުމްކުރި މީހެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ ރައްޔިތުންގެ ނޫސް
ހުޅުމާލެ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންފެށިތާ 5 ދުވަސްވީ ގައިދީއަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) ކަމުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ވިދާޅުވިއެވެ.
އެމްސީއެސްއިން ވިދާޅުވީ، އޭނާ ނިޔާވީ، މިއަދު މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންގޮސް ފަރުވާދޭންފެށި ކަމަށެވެ. އަދި އޭނާ މަރުވެއްޖެކަމަށް ޑޮކްޓަރުން ނިންމައި އެކަން އަންގާފައި ވަނީ 14:05 ގައި ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ. މިއީ މިއަދު މަރުވި ދެވަނަ ގައިދީއެވެ. ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އެހެން ގައިދީއަކުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ.
އެމްސީއެސްއިން ވިދާޅުވީ ޙަސަން ނިޔާޒް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް