ހަނިމާދޫގެ ހުރިހާ ގޭބީސީއެއްގައި ސޯލަރ ޕެނަލް ހަރުކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނިމާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް / ރައްޔިތުންގެ ނޫސް
ހދ. ހަނިމާދޫގެ ހުރިހާ ގޭބީސީއެއްގައި ސޯލަރ ޕެނަލް ހަރުކުރުމަށް އެ ރަށުގެ ކައުންސިލުން ނިންމައިފިއެވެ.
ރައްޔިތުންގެ ނޫހަށް މައުލޫމާތުދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ މި އަހަރުގެ ބަޖެޓް ފާސްކުރުމަށްފަހު މި މަޝްރޫއާއި ގުޅޭ ސާރވޭއަށް އިއުލާނުކުރައްވާނެ ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވީ ސާރވޭއިން ލިބޭ މައުލޫމާތުގެ އަލީގައި ސޯލަރ ޕެނަލް ބޭނުންވާ ގޭބީސީތަކާއި، އެކަމުގައި ހުރި ގޮންޖެހުންތަކާއި ފައިދާތައް ދެނެގަނެވޭނެކަމަށެވެ.
ހަނިމާދޫގައި 500 އަށް ވުރެއް ގިނަ ގޭބީސީ ހުންނައިރު، އެ ރަށުގެ ހުރިހާ ގޭބީސީއެއްގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުއަށް ޖުމްލަ 10 މިލިއަނެއްހައި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކައުންސިލުން ނިންމާފައިވަނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށް ވިދާޅުވިއެވެ.
އަދި ވީހާވެސް އަވަހަށް ސާރވޭ ނިންމާލުމަށްފަހު ގޭބީސީތަކުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ކައުންސިލްގެ ފަރާތުން ފަށާނެކަމަށް ފިރާގު ވިދާޅުވިއެވެ.
ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލަރ ޕެނަލް ހަރުކުރުމަކީ މިފަހުން އިންތިހާބުވި ހަނިމާދޫގެ އައު ކައުންސިލްގެ ވައުދެކެވެ.
ޚަބަރު ލިޔުނީ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް