މުލީގައި މިއަދު ހުކުރު ނަމާދު ވަގުތު މިސްކިތު ކަރަންޓް ބޯޑުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނަގއިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުލީ މަސްޖިދުލްމުސާވާތުގެ ސާކިޓްބޯޑުގައި ރޯވެފައި --
މ. އަތޮޅު މުލީގައި ހުންނަ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް މުސާވާތުގައި މިއަދުގެ ހުކުރު ނަމާދު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ކަރަންޓް ޝޯޓެއްގެ ސަބަބުން އެމިސްކިތުގެ ބްރޭކަރު ބޯޑުގައި ރޯވެގެންނެވެ. މިހާދިސާގައި މީހަކަށް އަދި މިސްކިތަށްވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިސްކިތުގެ ކަރަންޓް ވިއުގައަށް ވަނީ ގެއްލުންތައް ލިބިފައެވެ.
މ އަތޮޅު ތައުލީމީ މަރުކަޒުގެ ހުޅަނގުފަރާތުން ބަނދަރާއިވީ ފަޅީގައި ހުންނަ، އެމިސްކިތަކީ، އޭސީވެސް ކޮށްފައި ހުންނަ މިސްކިތެކެވެ. މިސްކިތުގެ ސާރކިޓް ބޯޑުގައި ރޯވީ، ހުކުރު ޚުޠުބާ ކިތަމުން ދިޔަ ވަގުތުގައެވެ.
އެހެންވެ ގިނަ މީހުން މިސްކިތުގެ ތެރެއިން ނުކުމެ، ޚުޠުބާވެސް މެދުކަނޑާލިއެވެ.
"އެންމެ ފުރަތަމަ، އެއްޗެއް ގޮވިކަހަލަ އަޑެއް އިވުނީ. ދެން ވަރަށް ގަދައަށް ވަސްދުވާތީ، އެލްސީބީ ބްރޭކަރު ވައްޓާލީމަ، މިސްކިތުގެ އެތެރެއިން ކަރަންޓް ކެނޑުނު. އޭގެ ފަހުން ބޯޑުގައި ރޯވީ." އެވަގުތު މިސްކިތުގައި ހުރި މީހަކު މައުލޫމާތު ދިނެވެ.
އޭނާ ބުނީ އަލިފާން ނިވާލުމަށް ފަހު، އަލުން ޚުތުބާ ކުރިޔަށް ގެންދިޔަ ކަމަށާއި، ހުކުރުނަމާދުކޮށް ނިމުނީ ގާތްގަނޑަކަށް 1:30 ވީ ފަހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް