ދެ އިންތިޚާބު އެއްކޮށްލަން އީސީ، އޭޖީ އަދި ސިޔާސީ ޕާޓީތަކުގެ ލަފާ ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބިލަށް އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލަފާ ހޯދަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށައެޅުއްވީ މިބިލާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބުގެ އޮފީހާ އެކު މަޝްވަރާކުރުމަށް ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންވެސް އީސީއާއި އޭޖީއާއެކު އެ ބައްދަލުވުންތައް އަންނަ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް މެންބަރު ޝުޖާއު ހުށައެޅުއްވި ހުށައެޅުއްވުމަށް ތާއީދުކުރެއްވިއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށައަޅާފައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު މެންބަރު ފަލާހު ހުށައެޅުއްވި މި ބިލުގައި ވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ރައީސުލްޖުމްހުރިއްޔާ ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ބޭއްވުމަށް ހުށައަޅާފައެވެ. މި ބަދަލު ގެނެވިއްޖެނަމަ މިހާރު ހިނގަމުންމިދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަމަސް ދުވަސް ގެއްލޭނެއެވެ.
މި ހިނގާ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މި ބިލުގެ ބަހުސް ނިންމުމަށްފަހު، ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް