Post banner
ރާއްޖެ

ހިޔާވަހި ފައިނޭންސް ސްކީމްގެ ލޯނު ހަމަޖެހުނު ބައެއް މީހުންނަށް ފައިސާއެއް ނުލިބޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާވަހި ފައިނޭންސް ސްކީމްގެ ލޯނު ހަމަޖެހުނު ބައެއް މީހުންނަށް ފައިސާއެއް ނުލިބޭ

"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ އެއްބަސްވުމުގައި ބީއެމްއެލްއާއި އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައުސިން މިނިސްޓްރީ

ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން" ސްކީމުން ލޯނު ހަމަޖެހުނު ބައެއް މީހުންނަށް ފައިސާ ނުލިބޭ ކަމަށް އެފަރާތްތަކުން ބުނެފިއެވެ.

"ހިޔާވެހި ފައިނޭންސިން" ސްކީމްގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލައި އެކަން އިފްތިތާހްކޮށްދެއްވީ 8 ނޮވެމްބަރު 2024ގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުއެވެ.

ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން، އަތޮޅު ތެރޭގެ ސިޓީއެއްގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވެ އެޕްލިކޭޝަން ހުށައެޅި ބައެއް ފަރާތްތަކުން މައުލޫމާތު ދިންގޮތުގައި އެޕްލިކޭޝަން ބަލައިގަތްތާ 2 އަހަރުވާން ކައިރި ވިއިރުވެސް، އެ ސްކީމްގެ ދަށުން ހަމަޖެހުނު ލޯނުގެ ފައިސާ ނުލިބޭތީ ގެދޮރުއެޅުމުގެ މަސައްކަތް ފެށިފައި ނުވާކަމަށެވެ. މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނިގޮތުގައި އެފަރާތްތަކަށް ޝަރުޠުހަމަވާކަން އެންގުމަށްފަހު، ލޯނުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް 6 މަހަށް ވުރެ ގިނަ ދުވަސް ހޭދަވިއެވެ. އަދި މިއަހަރުގެ ކުރީކޮޅު ރަހުނު އެއްބަސްވުންވެސް ހިމެނޭ ގޮތުން ލޯނާއިގުޅޭ ހުރިހާ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމިފައިވާ އިރު، ލޯނު ފައިސާ ދޫނުކުރާ ކަމުގައި އޭނާ ބުންޏެވެ.

"ބޭންކުން މިބުނަނީ، ސަރުކާރުން ދޭންޖެހޭ އެއްޗެއް ނުދީގެންނޭ ފައިސާ ޖަމާނުކުރެވެނީ. އެއީ ސަރުކާރުން ބެންކަށް ދޭންޖެހޭ ފައިސާކަމެއް ނުވަތަ ލިޔުމެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ." ހިޔާވަހި ފައިނޭންސް ސްކީމްގެ ތެރެއިން ފައިސާ ލިބުން ލަސްވުމުން އަމިއްލަ ގެދޮރު ބިނާކުރުމުގެ މަސައްކަތް ނުފެށިފައި ހުރި މީހަކު "ރައްޔިތުންގެ ނޫހަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ހިޔާވަހި ފައިނޭންސް ސްކީމަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެއް ކަމުގައި އެޕްރޮގްރާމް އިފްތިތާޙް ކުރި އިރު ސަރުކާރުން ބުނެފައި ވެއެވެ.

ހިޔާވަހި ފައިނޭންސް ސްކީމުގެ ތެރެއިން، ލޯނު ލިބޭނެ ކަމަށް ސަރުކާރުން އިޢުލާނުކުރި ބޭންކު ތަކުގެ ތެރޭގައި، ބީއެމްއެލް އާއި އެމްއައިބީގެ އިތުރުން އެޗްޑީއެފްސީ ހިމެނެއެވެ.

ލޯނު ދޫކުރާނެ ކަމަށް އިޢުލާނުކުރި މިންވަރު:

  • މާލެ ސަރަހައްދު: 6 މިލިއަން ރުފިޔާއާ ހަމައަށް.

  • އާބަން ސެންޓަރުތައް: 3 މިލިއަން ރުފިޔާއާ ހަމައަށް.

  • އެހެން ރަށްރަށް: 1 މިލިއަން ރުފިޔާއާ ހަމައަށް.

    "ހިޔާވެހި ފައިނޭންސިން" ސްކީމްގެ ދަށުން، ލޯނު ދޫކުރުމަށް، ހައުސިންގ މިނިސްޓްރީ އާއި އެކު ބީއެމްއެލްއިން ސޮއިކުރީ، ހުސްވި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް