ކުވައިތު އެއާޕޯޓަށް އަމާޒުވި ހަމަލާގެ ސީސީޓީވީ ފްޓޭޖް އާއްމުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުވައިތު އިންޓަރނޭޝަނަލް އެއާޕޯޓަށް ގެއްލުންތައް ލިބިފައި --
ކުވައިތު އެއާޕޯޓަށް އަމާޒުވި ހަމަލާގެ ސީސީޓީވީ ފްޓޭޖް އާއްމުކޮށްފިއެވެ.
އެ ހަމަލާގައި ކުވައިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު މަރުގެ 63 މީހުން ޒަޚަމްވިއެވެ. ހަމަލާ އަރާފައި ވަނީ، އެއާޕޯޓުގެ ޓަރމިނަލް 1 ގެ އިމާރާތަކަށެވެ. އެހަމަލާގައި އެއިމާރާތަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ކުވައިތާއި އެމެރިކާއިން ބުނެގައި ވަނީ، އެއާޕޯޓަށް ހަމަލާދިނީ އީރާނުން ކަމަށެވެ. އަންގާރަ ދުވަހު އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމާއި ގުޅިގެން ރައްދު ހަމަލާދިނުމުގެ ގޮތުން އީރާނުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަަކަށް އަމާޒުކޮށް، ބެލެސްޓިކް މިސައިލާއި، ޑްރޯންއިން ހަމަލާތައް ދިނެއެވެ.
އީރާންގެ ފޮރިންގ މިނިސްޓަރު ވިދާޅުވެފައި ވަނީ، އީރާނުން ކުވައިތުގެ އެއާޕޯޓަށް ހަމަލާއެއް ނުދޭ ކަމަށާއި، ކުވައިތު އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުވި ހަމަލާއަކީ، އީރާންގެ ހަމަލާތަކުން ދިފާޢުވުމަށް ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އުދުއްސާލި އިންޓަރސެޕްޓް މިސައިލެއްގެ ސަބަބުން ހިނގި ހާދިސާއަކަށް ވެދާނެކަމަށެވެ.
ކުވައިތު އެއާޕޯޓަށް ހަމަލާއެއް އަމާޒު ނުކުރާކަމަށް، އީރާނުން ބުނެފައި ވަނިކޮށް ކުވައިތުން ވަނީ އެއާޕޯޓަށް އަމާޒުވި ހަމަލާގެ ސީސީޓީވީ ފްޓޭޖްތައް އާއްމުކޮށްފައެވެ. އެފްޓޭޖުތަކުން ފެންނަ ގޮތުގައި ކުވައިތު އެއާޕޯޓުގެ ޓާމިނަލް 1ގައި ޖެހެނީ، ހަމަލާދިނުމަށް ބޭނުން ކުރާ ޑްރޯނެކެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާއި ދެކޮޅަށް ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރޭގައިވެސް މެދުއިރުމަތީގެ މުސްލިމް އެހެން ޤައުމުތަކަށް އިޒްރާއީލުން ޑްރޯން ހަމަލާތައް ދީ އެއީ އީރާނުން ދިން ހަމަލާތަކެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް މަސައްކަތްކޮށްފައިވާކަން ހާމަވެފައިވެއެވެ.
ހަނގުރާމަ މެދުކަނޑާލިނަމަވެސް، އައު ހަމަލާތަކާއި އެކު އަނެއްކާވެސް ހަނގުރާމައިގެ ހާލަތު ގޯސްވެދާނެކަމުގެ ބިރުވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް