ޤަޛުފުގެ ތުހުމަތު އަޅުވައި އަދަދުން ގެނެސްދިން ޑޮކިއުމެޓްރީގެ މައްސަލައިގައި ދައުވާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --
އޮންލައިން ނޫސް އަދަދުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޤަޛުފްކޮށް، އަދި ކާކުކަން ނޭނގޭ ގޮތަށް އަންހެނަކު ދީފައިވާ އިންޓަވިއުއަކާއި ޑީޕް ފޭކް އޭއައި ވީޑިއޯ ހިމަނައިގެން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ދަޢުވާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮންލައިން ނޫސް އަދަދުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން އެކަމާއި ގުޅޭ ގޮތުން ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެޑޮކިއުމެންޓްރީގައި ހިމަނާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ.
އެމައްސަލައިގައި ދަޢުވާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެމައްސަލަގައި ދަޢުވާކުރައްވާނީ ފަރުދީ ހައިސިއްޔަތުން ކަމެއް ނުވަތަ ނޫންކަމެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން ކަމާބެހޭ އިދާރާތަކުން ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައިވެސް، ސްކީލާންގެ ނަމުގައި، އޮންލައިން ނޫސް އަދަދުން ޑޮކިއުމެންޓްރީއެއް ގެނެސްދިނެވެ. ރައީސް ޑރ. މުޢިއްޒަށް ޤަޛުފްކޮށް ޑޮކިއުމެންޓްރީ އެއް ގެނެސްދީފައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅުވައިގެން، "އައިޝާ"ގެ ނަމުގައެވެ.
އޮންލައިން ނޫސް އަދަދުން ގެނެސްދިން މި ޑޮކިއުމެންޓްރީ ތަކަކީ، ނޫސްވެރިކަމުގެ އާއްމު އަޚުލާޤީ މިންގަނޑުތަކާއި، އަދި ތަޙްޤީޤީ ނޫސްވެރިކަމުގެ މިންގަނޑުތަކަށްވެސް ނުފެތޭ ޒާތީގޮތުން ދިމާކުރުމާއި، ޝަޚްޞިއްޔަތުި ކަތިލުމަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމުގައި، ސަރުކާރުގެ އިސް ފަރާތްތަކުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް