ރާއްޖެ

ފަހު 10ގެ ބަންދުގައި ހާޟިރީ އެލަވަންސް ނުދޭގޮތަށް ހަމަޖައްސައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަހު 10ގެ ބަންދުގައި ހާޟިރީ އެލަވަންސް ނުދޭގޮތަށް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ، މާލޭގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، ރަމަޟާން މަހުގެ ފަހު 10ގެ ބަންދު ފެށޭއިރު، އެކި ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް މިއަހަރު ހާޟިރީ އެލަވަންސް ނުދޭ ގޮތަށް ނިންމައި އުސޫލު ބަދަލުކޮށްފިއެވެ.

އަލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު 10ގައި އޮފީހަށް ހާޟިރު ނުވިނަމަވެސް ހާޟިރީ އިނާޔަތް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެދުވަސްތަކުގައި އެއްވެސް ބާވަތެއްގެ ޗުއްޓީގައި ހުރި މީހަކު ނަމަ އެމީހަކަށް ހާޟިރީ އެލަވަންސް ނުލިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަންނަ އެންމެ ފަހު ރަސްމީ ދުވަހު ސަލާމް ބުނާ މުވައްޒަފުންނަށާއި، އަދި އެދުވަހުން ފެށިގެން ޢުމްރާ ޗުއްޓީ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ނުވަތަ އަހަރީ ޗުއްޓީގައި ތިބޭ މީހުންނަށްވެސް މިއަހަރު ދައުލަތުގެ ޕޭފްރޭމް ވޯކުގެ މިންގަނޑުތަކަށް ގެނައި ބަދަލާއި އެކުގައި ފަހު 10ގެ ދުވަސްތަކަށް ދެން ހާޟިރީ އެލަވަންސެއް ނުލިބޭނެއެވެ.

"ރައީސުލްޖުމްހޫރިއްޔާ، ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވީ އަޅުކަމަށް ފުރުޞަތު ދެއްވުމަށް. އެހެންވީމާ ފަހު 10ގައި ޢުމްރާ ޗުއްޓީ ނަގައިފިއްޔާވެސް ހާޟިރީ އެލަވަންސެއް ނުލިބޭ. ރަމަޟާން މަހު 19 ވަނަ ދުވަހު ސަލާމް ބުނެފިއްޔާ ހާޟިރީ އެލަވަންސެއް ނުލިބޭ. " މި ބަދަލާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތައް ސަރުކާރު ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އިރު އެބަންދުގެ ސަބަބުން މުސާރައަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ޙާޟިރީ އެލަވަންސަށް ބަދަލު ގެނައުމާއެކު ބައެއް މުވައްޒަފުންގެ މުސާރައިން 3000ރ އުނިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަމަޟާންމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ނިންމެވުމެކެވެ. އެ ނިންމުން ނިންމަވާފައި ވަނީ އާއްމު ޚިޔާލު ހޯއްދަވައި އޭގެ ނަތީޖާގެ މައްޗަށް ބައްލަވައިގެނެއް ނޫނެވެ.

ޙާޟިރީ އެލަވަންސާއި މެދު ކަންބޮޑުވި ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، ސަރުކާރުން ބޭނުންވެގެން ސަރުކާރުން ގެނައި ބަދަލެއްގައި މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރައިގެ މިންވަރު މަދުވެ، އީދު ފަދަ މުނާޞަބާތައް އަންނައިރު ދިރިއުޅުމުގައި އަތްމަތި ދަތިވާނެތީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

މަގޭ 1 month ago

ހަމަ ތިޔަގޮތަށް ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތް ވެސް 01 ނޮވެންބަރު 2025 ގައި ޕޭ ހަމަނައިޒްކުރުމުގައި ކުޑަކޮށްފައި. އެކަމަކު ރައީސް ވިދާޅުވީ ލިބެމުންދިޔަ މުސާރައާއި އިނާޔަތް އެއްވެސް މުވައްޒަފަކަށް ކުޑަވިޔަކަ ނުދޭނަމޭ. އަދިވެސް ހައްލުކުރަނީ މިހާރު ބަރާބަރު 4 މަސްވީ.