ޝައިޚް އިސްމާއީލް އަވަހާރަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު --- ފޮޓޯ: ރައީސް އޮފީސް
މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 85 އަހަރުފުޅުގައި، ޝައިޚް އިސްމާޢީލް އަވަހާރަވީ، އޭޑީކޭ ހޮސްޕިޓަލްފައި ފަރުވާދެމުން ދަނިކޮށެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް 50 އަހަރަށްވުރެ ދިގުމުއްދަތެއްގައި އެކުި ރޮނގުތަކުން ޚިދުމަތްކޮށްދެއްވި، ޝައިޚް އިސްމާޢީލަކީ، މަދީނާ ޔުނިވަސިޓީން ގުރެޖުއޭޓްވި ދިވެހި ފުރަތަމަ ޝައިޚެވެ.
މާލޭގައި ޠައިބާ ސްކޫލްގެ ނަމުގައި މީގެ ކުރިން ސްކޫލެއްވެސް ހިންގެވި އިރު، ރާއްޖެއިން ބޭރުން، ދީނީ ޢިލްމު އުނގެނުމަށް އެތައް ގިނަ ބޭފުޅުންނަކަށް ޝައިޚް އިސްމާޢީލް ފުރުޞަތުވެސް ހޯއްދަވައި ދެއްވިއެވެ. މީގެ އިތުރުން ޝައިޚް އިސްމާޢީލް އަވަހާރަވި އިރު އޭނާގެ އަމިއްލަ ޚަރަދުގައި ހުޅުމާލެ ފޭސް 1ގައި މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތްވެސް އަންނަނީ ހިނގަމުންނެވެ.
ސަރުކާރުން ވަނީ، ޝައިޚް އިސްމާޢީލަށް އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް އަރުވާފައެވެ.
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝައިޚްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ޝައިޚް އިސްމާއީލްގެ މޫނުފުޅު ދެއްކުން ކުރިޔަށް ދަނީ އިސްލާމީ، މަރުކަޒުގައެވެ. އަދި ކަށުނަމާދު އޮންނާނީ، މިއަދުގެ މެންދުރު ނަމާދަށް ފަހުގައި، މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައެވެ. ޝައިޚް އިސްމާއީލްގެ ހަށިކޮޅު ވަޅުފުޅުލާނީ، މާލޭ ގަލޮޅު ސަހަރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް