classified
ރާއްޖެ

އޮންލައިން ވިޔަފާރި ސްކޭމްތަކާއި ގުޅޭ ސައިބަރ ކްރައިމްގެ މައްސަލަތައް އިންތިހާއަށް އިތުރު: ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އޮންލައިން ވިޔަފާރި ސްކޭމްތަކާއި ގުޅޭ ސައިބަރ ކްރައިމްގެ މައްސަލަތައް އިންތިހާއަށް އިތުރު: ފުލުހުން

އޮންލައިން ޝޮޕިން ނުވަތަ ވިޔަފާރިތަކާއި ގުޅޭ ސައިބަރ ކްރައިމްއާ ގުޅޭ ރިޕޯޓުތައް އިތުރުވެއްޖެ --- ފޮޓޯ: ފުލުހުން

އޮންލައިން ޝޮޕިން ނުވަތަ ވިޔަފާރިތަކާއި ގުޅޭ ސައިބަރ ކްރައިމްއާ ގުޅިގެން ހުށައަޅާފައިވާ މައްސަލަތައް މިދިޔަ އަހަރާ އަޅާކިޔާއިރު މި އަހަރު އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން އިންޓަނެޓާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ކުށްތަކާއި ގުޅޭގޮތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް އޮންލައިން ޝޮޕިންގ ސްކޭމްގެ 464 މައްސަލައެއް ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފައެވެ. މިއީ 2025 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ 86 މައްސަލައާ އަޅާކިޔާއިރު ބޮޑު އިތުރުވުމެކެވެ.

ތަފާސްހިސާބުން ހާމަވާ ގޮތުގައި މިދިޔަ އަހަރާއި އަޅާކިޔާއިރު ސޯޝަލް މީޑިއާ ސްކޭމްތަކާއި ބޭރުފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު ސޯޝަލް މީޑިއާ ސްކޭމްއާ ގުޅޭ 15 މައްސަލަ ހުށައެޅުނުއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 109 މައްސަލައެއް ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފައެވެ.

މީގެއިތުރުން ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް ވަނީ %83 އިތުރުވެފައެވެ. އެގޮތުން، 2025 ވަނަ އަހަރު ޖުމްލަ 56 މައްސަލައެއް ހުށައަޅާފައިވާއިރު، މި އަހަރުގެ މިހާތަނަށް 103 މައްސަލަ ހުށައަޅާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސައިބަރ ކްރައިމްއާ ގުޅޭ ޖުމްލަ 1053 މައްސަލަ އެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ. މިއީ 2025 ވަނަ އަހަރު ހުށައެޅުނު 512 މައްސަލައާ އަޅާކިޔާއިރު ބޮޑު އިތުރުވުމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ޖުމްލަ 457 މައްސަލައެއް ނިންމާފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް