ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު %21 ދަށްވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް --- ފޮޓޯ: ރައީސް އޮފީސް
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުގެ މާރިޗު މަހާއި އަޅައިކިޔާއިރު މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު، %21 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވީ، މިމާރިޗުމަހުގެ 1އިން 19އަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ، 97،002 ފަތުރުވެރިން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރު ފެށުނު އިރު، ޖެނުއަރީމަހާއި ފެބުރުއަރީ މަސްވެގެން ދިޔައީ ޓުއަރިޒަމްގައި ވަރަށް ކާމިޔާބު ދެމަހަށް ކަމަށާއި އެއީ މިހާތަނަށް ރާއްޖެއަށް މަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދެމަސް ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް، 562،956 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަންވެސް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވީ، ރާއްޖެއަށް އިތުރަށް ޓޫރިސްޓުން ގެނެވެނޭ ގޮތްތައް ބަލައިގެން އެގޮތަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިހާރު ދެމުން އަންނަ އޮން އެރައިވަލް ވިސާގެ 30 ދުވަހުގެ މުއްދަތު އިތުރުކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށާއި، ރިމޯޓް ވޯކްވިސާއކާއި ކޮންޓެންޓް ކްރިއޭޓަރ ވިސާއެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ސްޕޯޓްސް ފިޝިންނާއި، ބިގް ގޭމް ފިޝިންފަދަ ކަންކަމަށްވެސް ހުޅުވާލުމާއި، ޓެކްނިކަލް އެންޑް ރެކްރިއޭޝަން ޑައިވިންއަށް ހުޅުވާލުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައިވެސް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް