ބ. ގޮއިދޫގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބ. ގޮއިދޫ
ބ. ގޮއިދޫގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން އެ ރަށުގެ ކައުންސިލުން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
ބ. ގޮއިދޫ ކައުންސިލުން މިކަން އިޢުލާނު ކުރީ މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓރަކްޗަރ ގެ ޕްލޭނިންގ ޤަވާޢިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތްކުރަންވީ ގޮތުގެ ގަވައިދުގެ ދަށުންނެވެ.
ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާގޮތުން ބީޗް ސަރަހައްދުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ ބިންމަތިން ފެށިގެން ފުރާޅުގެ އެންމެ އުސްހިސާބަށް 42 ފޫޓެވެ. އެއީ ގާތްގަނޑަކަށް 4 ބުރިއެވެ.
އަދި ރަށުގައި އާންމުންދިރިއުޅޭ ސަރަޙައްދުގައި އިމާރާތްކުރެވޭ އެންމެ ބޮޑު އުސްމިނަކީ ބިންމަތިން ފެށިގެން ފުރާޅުގެ ބެރީގެ މަތީ ކައިރިއަށް 62 ފޫޓެވެ. އެއީ ގާތްގަނޑަކަށް 6 ބުރިއެވެ.
ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި އިމާރާތުގެ ފުރާޅުގެ ބަދަލުގައި ޝީޓް ނުވަތަ ޑެކް އަޅާނަމަ ސިޑިގޮޅި 9 ފޫޓަށްވުރެ އުސްނުވާނެ ގޮތަށް އިމާރާތް ކުރުން މިމިންގަނޑުން އިސްތިސްނާ ވާނެއެވެ.
ބ އަތޮޅުގެ އެހެން ރަށްރަށް ބަލާއިރު، ބ. ކަމަދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 60 ފޫޓު ކަމަށް އެ ރަށު ކައުންސިލުން ވަނީ ކަނޑއަޅާފައެވެ.
އަދި ބ.ފެހެންދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 50 ފޫޓު ކަމަށް އެ ރަށު ކައުންސިލުން ކަނޑައަޅައި އެ ނިންމުމަށް 01 ޖަނަވަރީ 2023 ވަނަ އަހަރު ވަނީ އަމަލުކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް