Post banner
ވިކުރާ

މަސްމާރުކޭޓު އަޅަން ސަރުކާރާއި ބިން ހަވާލުކުރަން ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްމާރުކޭޓު އަޅަން ސަރުކާރާއި ބިން ހަވާލުކުރަން ފާސްކޮށްފި

މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްޤީކޮށް، ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގައެވެ.

މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިވެއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ.

"އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ޤަރާރުގައި ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަޙައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ޤަރާރުގައި ވަނީ ނިންމާފައެވެ.

ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވީ، މިކަމުގައި މިހާތަނަށް ކައުންސިލުން ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުންދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް